ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އެޕަލް ކުންފުނީގެ ފުރަތަމަ ފޯލްޑަބަލް (ފަތްޖެހޭ) ފޯނު، "އައިފޯން ޑުއޯ" ރަސްމީކޮށް ބާޒާރަށް ނެރުމާއެކު، ވާދަވެރި ސެމްސަންގުން އެކަމަށް ވަރަށް ބޮޑަށް މަލާމާތް ކޮށްފި އެވެ.

ސެމްސަންގް މޮބައިލްގެ އެމެރިކާ ގޮފިން އެކްސް (ކުރީގެ ޓްވިޓާ)ގައި ހިއްސާކުރި ޕޯސްޓެއްގައި، އެޕަލްގެ މި އާ އުފެއްދުމަކީ އެ ކުންފުނިން ކުރިން ވިއްކާފައިވާ ޓެކްނޮލޮޖީ "އަނެއްކާވެސް ހޫނު ކޮށްގެން ނެރުނު ބާ އެއްޗެއް"ގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

އެޕަލްގެ ލޯންޗިންގް އިވެންޓުގެ ތެރޭގައި ސެމްސަންގުން ވަނީ ސޯޝަލް މީޑިއާގައި މަލާމާތުގެ ރާގެއްގައި ތަފާތު ޕޯސްޓުތައް ކޮށްފަ އެވެ. އެގޮތުން އެޕަލްގެ އާ އައިފޯން 18 ސީރީޒްއާ ގުޅޭގޮތުން "އެއީ ހަމަ ކުރީގެ ގޮތްތައް" ކަމަށް ބުނެ، #ItsTimeToSwitch ގެ ހޭޝްޓެގާއެކު އެހެން ބްރޭންޑުތަކަށް ބަދަލުވުމަށް ގޮވާލާފައިވެ އެވެ.

އެއާއެކު އައިފޯން ޑުއޯ ދެއްކުމުން، ސެމްސަންގުން ވަނީ އެ ކުންފުނިން މީގެ އެތައް އަހަރެއް ކުރިން (2019 އިން ފެށިގެން) ފޯލްޑަބަލް ފޯނުތައް ބާޒާރަށް ނެރެމުން އަންނަކަން ހަނދާން ކޮށްދީފަ އެވެ.

ފޯލްޑަބަލް ފޯނު މާކެޓުގައި ސެމްސަންގުން ގިނަ ކާމިޔާބާ ތަކެއް ހޯދާފައިވާއިރު، އެ ކުންފުނިން ދެކޭގޮތުގައި އެޕަލް މި މާކެޓަށް ވަދެފައިވަނީ ވަރަށް ފަހުންނެވެ.

ނަމަވެސް ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ދެކޭގޮތުގައި އެޕަލް މި ދާއިރާއަށް ނުކުތުމާއެކު ފޯލްޑަބަލް ފޯނުތަކުގެ ވާދަވެރިކަން މުޅިން އެހެން ލެވެލްއަކަށް ބަދަލުވެގެންދާނެ އެވެ.