ގަދަޔަށް ވާރޭވެހުމުގެ ސަބަބުން ފ. ނިލަންދޫގައި ހުންނަ އަމާން ހިޔާގެ ސީލިންގު ވެއްޓުމާ ގުޅިގެން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 11 ކުދިން ރައްކާތެރިކަމާއެކު އެ ރަށު ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކަށް ވަގުތީގޮތުން ބަދަލުކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ 8:00 ހާއިރު، އެ ރަށަށް މެދުކެނޑުމެއްނެތި ގަޑިއެއްހާއިރު ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިމާރާތުގެ މައްޗަށް ފެން އެޅިގެންނެވެ. ސީލިންގުން ބައެއް ވެއްޓުމާއެކު އެ އިމާރާތަށް ކަރަންޓުގެ މައްސަލަތަކެއް ދިމާވެ، ކުދިންނަށް އެތާނގައި ތިބެވޭނެ ގޮތް ނުވުމުން ވަގުތުން ފިޔަވަޅު އަޅާފައިވެ އެވެ.

ނިލަންދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވި ގޮތުގައި، 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ އެ މަރުކަޒުގައި ތިބި އެއްވެސް އަންހެން ކުއްޖަކަށް މި ހާދިސާގައި އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ކުދިން ވަގުތުން އެހެން އިމާރާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ނިލަންދޫ ހޮސްޕިޓަލާއި ކައުންސިލާއި ފުލުހުންގެ އިތުރުން ސިފައިން ގުޅިގެންނެވެ.

މިކަމާ ގުޅިގެން ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވެސް ވަނީ އެ ހާދިސާއަށް އެޓެންޑްވެފަ އެވެ. މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިމާރާތަށް ލިބުނު ގެއްލުންތައް ބަލައި، ކުދިންނަށް ރައްކާތެރި މާހައުލެއް ޔަގީންކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.