ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ އަހްލާގީ މިންގަނޑުތަކާ ހިލާފުވެފައިވާތީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ފީފާއިން ނިންމައިފި އެވެ.
މިއާއެކު ބައްސާމް ވެފައިވަނީ ދިވެހި ފުޓްބޯޅަ ތާރީހުގައި ފީފާއިން އުމުރު ދުވަހުގެ ސަސްޕެންޝަނެއް އިއްވި އެންމެ އިސް އޮފިޝަލަށެވެ.
ފީފާއިން އާންމުކުރި ރަސްމީ ބަޔާނުގައި ބުނެފައި ވަނީ، ބައްސާމް ވަނީ ފީފާގެ އެތިކްސް ކޯޑުގެ ގިނަ މާއްދާތަކަކާ ހިލާފުވެ، ނަހަމަ މާލީ މުއާމަލާތްތަކާއި މަނީ ލޯންޑަރިންގެ އިތުރުން ފީފާގެ ކޮވިޑް-19 ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައި ކަމަށެވެ.
މީގެ އިތުރުން އެފްއޭއެމްގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަގީލް ވެސް ވަނީ 10 އަހަރަށް ސަސްޕެންޑްކޮށް، 100,000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފަ އެވެ.
މި މައްސަލައަށް ބަލާއިރު، ފީފާއިން އެފްއޭއެމް މެދުވެރިކޮށް ދޫކުރި ކޮވިޑް-19 ރިލީފް ފަންޑުގެ ފައިސާއާއި ބޭރުގެ އިދާރާތަކުން ލިބުނު އެހީގެ ފައިސާ ބޭނުންކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި ދިވެހި ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާތަކެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.
ރާއްޖޭގެ ކޯޓުތަކުން ވަނީ ބައްސާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި 32 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން، އޭނާ ގަނެފައިވާ ދެ އެޕާޓްމަންޓް ދައުލަތަށް ނެގުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް ސިއްހީ ހާލަތަށް ރިއާޔަތްކޮށް މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބައްސާމްގެ ޖަލުހުކުމުގެ ވަކި ހިސާބަކުން އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
މިވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިއްޖެ: ރައީސް ޔާމީން
މައިލީގެ ކޮންސެޓަށް ބޮޑު ތަރުހީބެއް، 1.5 މިލިއަންގެ ކިއުއެއް!