ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު އަދި ލަވަކިޔުންތެރިޔާ އަމާލް މަލިކް، ސަލްމާން ހާން ފިލްމްސްއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

އެއީ 2015 ވަނަ އަހަރު ނުކުތް ފިލްމު "ހީރޯ"ގެ މަޝްހޫރު ލަވަ "މޭން ހޫން ހީރޯ ތެރާ"އަށް 11 އަހަރު ފުރުމާ ގުޅިގެން ޕްރޮޑަކްޝަން ހައުސްއިން ހިއްސާކުރި ޕޯސްޓެއްގައި އޭނާއަށާއި ލަވަައިގެ ލިޔުންތެރިޔާއަށް ކްރެޑިޓް ދީފައި ނުވާތީ އެވެ.

ފިލްމު "ހީރޯ"އަށް 11 އަހަރު ފުރުން ފާހަގަ ކުރުމަށް ސަލްމާން ހާން ފިލްމްސްގެ ރަސްމީ ސޯޝަލް މީޑއާ ޕޭޖުގައި ކުރި ޕޯސްޓުގައި، އެ ލަވަ އުފެއްދުމުގައި އިސްކޮށް އުޅުނު މިއުޒިކް ކޮމްޕޯޒަރ ުއަމާލް މަލިކާއި ލަވަައިގެ ޅެންވެރިޔާ ކުމާރްގެ ނަން ހިމަނާފައި ނުވުމަކީ އަމާލްއަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމެކެވެ.

މިކަމާ ގުޅިގެން އެ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި ހިތްހަމަނުޖެހުން ފާޅުކުރަމުން އަމާލް ވަނީ ސޯޝަލް މީޑިއާ ޕޭޖު ހިންގާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އޭނާ ބުނީ ލަވައެއް އުފެއްދުމުގައި ފަހަތުގައި ތިބޭ ފަންނާނުންނަށް ކްރެޑިޓް ދިނުމުގެ އަސާސީ ކަންކަންވެސް ނޭނގޭނަމަ އެ ޕޭޖު ޑިލީޓް ކޮށްލުން މާ ރަނގަޅުވާނެ ކަމަށެވެ.

އެއާއެކު ލަވައެއް އުފެއްދުމަށް ފަންނާނުން އެތައް ބުރައެއް، ވޭނެއް އަދި މަސައްކަތެއް ކުރާކަން ފާހަގަ ކުރަމުން، އެމީހުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ރަނގަޅަށް ކްރެޑިޓް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

"މޭން ހޫން ހީރޯ ތެރާ" ލަވައަކީ ބޮލީވުޑްގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ލަވައަކަށް ވާއިރު، މި ލަވައިގެ އަސްލު ކޮމްޕޯޒަރަކީ އަމާލް ކަމަށާއި އަދި ޅެން ހަދާފައިވަނީ ކުމާރް ކަން ފާހަގަ ކޮށްލެވެ އެވެ.

ޕްރޮޑަކްޝަން ހައުސްއިން ކުރި މިފަދަ ކަމަކުން ފަންނާނުންގެ ހައްގުތަކުގެ ވާހަކަ އަނެއްކާވެސް ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފަ އެވެ.