މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސިނަމާލެ ބްރިޖުގައި ޖެހި އެކްސިޑެންޓްވި ދެ އުޅަނދަކީ ހުއްދައެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އުޅުނު ދެ ބޯޓު ކަމަށް ބުނާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ބަލައިދިނުމަށް ހުށަހަޅައިފި އެވެ.

މި ހާދިސާގައި ސިނަމާލެ ބްރިޖުގެ ތަނބުތަކުގައި ޖެހިފައި ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އަޅާފައި އޮތް ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެކެވެ. މި ދެ އުޅަނދަކީ ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވުމުން ކަސްޓަމްސް އިން ހިފަހައްޓާފައިވާ ދެ އުޅަނދު ކަމަށް މައުލޫމާތު ލިބުނު ނަމަވެސް، އެ އިދާރާއިން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މި ދެ އުޅަނދު އޮޔާ ގޮސް ބްރިޖުގެ ތަނބުތަކުގައި ވަނީ ވަރަށް ބޮޑަށް ޖެހިފަ އެވެ. އެހެން ނަމަވެސް، މި ހާދިސާގެ ސަބަބުން ބްރިޖުގެ ސްޓަރަކްޗަރަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ ހާމަކުރައްވައިފަ އެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. އޭނާ ވަނީ މި މައްސަލައާ ގުޅިގެން ކަމާ ބެހޭ ދައުލަތުގެ އިދާރާތައް 241 ކޮމިޓީއަށް ހާޒިރުކޮށް، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ސާފުކުރުމަށް އެދިވަޑައިގެންފަ އެވެ.

މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ސިޓީގައި ސާފުކުރުމަށް އެދިވަޑައިގެންނެވި މުހިންމު ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ ސަރަހައްދަށް ހުއްދަ ނެތި އެ ދެ ބޯޓު ވަދެ އުޅުނުކަން ދެނެގަނެވުނީ ހަފުތާއެއް ފަހުން ކަމަށް ވާތީ، އެކަން އެގޮތަށް ދިމާވާން މެދުވެރިވި ސަބަބާއި، އެކަމުގައި އިހުމާލުވި ފަރާތްތައް ދެނެގަތުން.
  • ދެ ބޯޓުގައި ތިބި ފަޅުވެރިން ނިކަމެތި ހާލުގައި ތިބޭތާ ފަސް މަސްދުވަސް ވެފައިވާ ކަމަށް ބުނެ އަޑުއުފުލަމުންދާއިރު، އެ މީހުންގެ މައްސަލައަށް މިހާތަނަށް އެކަށީގެންވާ ހައްލެއް ހޯދައިނުދެވުނު ސަބަބު.
  • މާލޭގެ ބަނދަރު ސަރަހައްދުގައި އެ އުޅަނދުތައް އަޅާފައި އޮތް މުއްދަތުގެ ތެރޭގައި، އެ ތަކެތީގެ ސަލާމަތީ އަދި ފަންނީ ހާލަތު ބަލައި ވަޒަންކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކުން މަސައްކަތް ކޮށްފައިވޭތޯ ބެލުން.
  • ސިނަމާލެ ބްރިޖަކީ އިންޝުއަރެންސް ކޮށްފައިވާ ތަނެއްތޯ އާއި، މިފަދަ ހާދިސާތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ މިންވަރު ސާފުކުރުން.

މެންބަރުގެ ސިޓީގައި ފާހަގަކުރައްވާފައި ވަނީ، މިއީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ނެތުމާއި، ގައުމީ ސަލާމަތާއި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ނިޒާމުގައި ބޮޑެތި ބާގަނޑުތަކެއް ހުރިކަން ސާފުވެގެންދިޔަ ކަމެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން މި މައްސަލަ ވަރަށް ސީރިއަސްކޮށް ބައްލަވައި، އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.