ދައުލަތުން އަދާކުރަން ޖެހުނު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު ދައްކައި، 100 ބިލިއަން ރުފިޔާއިން މަތީގައި ހުރި ސެކިއުރިޓީސް ދަރަނި ކުޑަކުރިތާ ހަ މަސްދުވަސް ނުވަނީސް، އެ ދަރަނި އަނެއްކާވެސް ކުރީގެ މިންވަރަށް އުފުލި 100 ބިލިއަން ރުފިޔާއާ ގާތްކޮށްފި އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އިން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު" ގައިވާ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް އެތެރޭގެ އަދި ބޭރުގެ ބާޒާރަށް ވިއްކާފައިވާ ޓީބިލާއި ބޮންޑުތަކުގެ ޖުމްލަ ދަރަނި ވަނީ 99.3 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މި އަހަރު ފެށުނުއިރު ސެކިއުރިޓީސް ދަރަނި ހުރި 99.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ދާދި އެއްވަރުގެ އަދަދެކެވެ.
މި މުއްދަތުގެ ތެރޭގައި ދަރަނި މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ އެތެރޭގެ ބާޒާރުން ނެގި ފައިސާއިންނެވެ. އެގޮތުން، މިދިޔަ މަސް ނިމުމުގެ ކުރިން ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 7.3 ބިލިއަން ރުފިޔާ ހޯދާފަ އެވެ. މިއީ މި އަހަރުގެ ބަޖެޓުގައި އެތެރޭގެ ބާޒާރުން ނަގަން ކަނޑައެޅި 5.1 ބިލިއަން ރުފިޔާއަށް ވުރެ 2.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި އެތެރޭގެ މާލީ އިދާރާތަކަށް ބަރޯސާވާ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، މި ދައުރުގައި ހަރަދުތައް މައިގަނޑު ގޮތެއްގައި ފޫބައްދަމުންދަނީ ރާއްޖޭގެ ބޭންކުތަކާއި، ޕެންޝަން ފަންޑު އަދި އެސްޓީއޯ އާއި އެމްއޭސީއެލް ފަދަ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ.
ފިނޭންސް މިނިސްޓްރީގެ ޑެޓް ބުލެޓިންގެ ހިސާބުތައް ދައްކާ ގޮތުން، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 23.9 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބޭންކުތަކުން ނަގާފައިވާ ފައިސާ އެވެ. އެގޮތުން:
- ބޭންކުތަކުން: 15 ބިލިއަން ރުފިޔާ
- ބޭންކު ނޫން މާލީ އިދާރާތަކުން: 5.4 ބިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތަކުން: 3.6 ބިލިއަން ރުފިޔާ
އެތެރޭގެ ބާޒާރަށް މިހާ ބޮޑަށް ބަރޯސާވާން ޖެހުނު މައިގަނޑު ސަބަބަކީ، ރޭވިފައިވާ ގޮތަށް ބޭރުން ބަޖެޓް ފައިނޭންސިން ހަމަނުޖެހުމެވެ. ވޭތުވެދިޔަ ދެ އަހަރާއި މި އަހަރުގެ ބަޖެޓުގައި ވެސް ބޭރަށް ބޮންޑާއި ސުކޫކު ވިއްކައިގެން އަދި ބަޖެޓު ސަޕޯޓުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ހޯދަން ހިމެނި ނަމަވެސް، އެ ފައިސާ ނުލިބުމުގެ ސަބަބުން ދައުލަތަށް މަޖުބޫރުވީ އެތެރެއިން ދަރަނި ނަގާށެވެ. އެގޮތުން 2024 ވަނަ އަހަރު 8.9 ބިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 8.6 ބިލިއަން ރުފިޔާ އެތެރޭގެ ބާޒާރުން ނަގާފައިވާއިރު، މި އަހަރުގެ މިހާތަނަށް ނެގި އަދަދާއެކު މި ދައުރުގައި އެތެރޭގެ ދަރަންޏަށް ވަނީ ޖުމްލަ 25 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އިގުތިސާދީ މާހިރުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އިންޒާރު ދޭ ގޮތުގައި، މިގޮތަށް އެތެރޭގެ ބާޒާރުން ދަރަނި ނެގުމަކީ ނުރައްކާތެރި ކަމެކެވެ. މީގެ ސަބަބުން ބޭންކުތަކާއި ސަރުކާރުގެ މާލީ ހާލަތު އެކަތި އަނެކައްޗާ ގުޅިލާމެހި، "ސޮވްރިން-ބޭންކް ނެކްސަސް" އެއް އުފެދިގެންދެ އެވެ.
ގަތުލުއާއްމު ދައްކުވައިދޭ އިޒްރޭލުގެ ފިލްމަށް ބޮޑު ތަރުހީބެެއް!
"ޖީން އެޑިޓިން"އިން ކޮލެސްޓްރޯލް މަތިވުމަށް ދާއިމީ ފަރުވާއެއް!
ހޫތީންނަށް ހަމަލާދޭން ސައުދީން އެދުމުން އެމެރިކާ ދެކޮޅުހަދައިފި
ހިސާބު ހެދިޔަކަސް ވެރިކަމެއް ނުލިބޭނެ
ރިޕްލައި