ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެ އިދާރާތަކުން މިފަދައިން އިލްތިމާސްކޮށްފައިވަނީ، އިއްޔެއިން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރޭގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ވަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން، އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، އެއް ގެއެއްގައި ދިރިއުޅެމުންދިޔަ 8 މީހަކު ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރަން ޖެހިފަ އެވެ. މީގެއިތުރުން ސ. މަރަދޫގެ 2 ގެއަކަށް ފެންވަދެފައިވާއިރު، ފުވައްމުލައް ސިޓީގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ގދ. އަތޮޅާއި މެދުރާއްޖެތެރޭގެ ރަށްތަކަށްވެސް ދަނީ ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށް ކުރަމުންނެވެ.

މި ހާލަތާ ގުޅިގެން، ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެންހިންދުމަށާއި، ގޯތިގެދޮރާއި ވިޔަފާރިތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ކައުންސިލްތައް ގުޅިގެން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.

ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ވިއްސާރަ ދެމިގެންދާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އެމްއެންޑީއެފާއި އެންޑީއެމްއޭއިން ވަނީ އިލްތިމާސްކުރައްވާފަ އެވެ.