ޗައިނާ، ރަޝިޔާ، އީރާން އަދި އިންޑިއާ ހިމެނޭހެން 11 ގައުމެއްގެ މައްޗަށް އެކުލެވޭ ބްރިކްސް އިއްތިހާދުގެ މެންބަރުން، ސެޕްޓެމްބަރު 12 ވަނަ ދުވަހު ބޭއްވި ސަމިޓުގައި، މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ގޮވާލައި، ކުރިން ހުރި ހިޔާލުތަފާތުވުންތައް ނައްތާލައި ގުޅިފައިވާ ބަޔާނެއް ނެރެފި އެވެ.

ނިއުދިއްލީގައި ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، މެދުއިރުމަތި ނުވަތަ ހުޅަނގު އޭޝިއާގައި ނުތަނަވަސްކަން އިތުރުވަމުންދާތީ އެކަމާ އިންތިހާޔަށް ކަންބޮޑުވާ ކަމަށާއި، މަސްރަހު އިތުރަށް ގޯސްވެދާނެ ފަދަ އަމަލުތަކުން ދުރުހެލިވެ، އެންމެ މަތީ ދަރަޖައަށް ކެތްތެރިކަން އިސްކުރުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލާ ކަމަށެވެ.

މީގެ ކުރިން މެއި މަހު ނިއުދިއްލީގައި ބްރިކްސްގެ ހާރިޖީ ވަޒީރުން ބައްދަލުކުރެއްވިއިރު، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން އީރާން، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީގެ މެދުގައި ހިޔާލުތަފާތުވުންތައް ހުރުމުން ގުޅިފައިވާ ބަޔާނެއް ނެރެވޭ ގޮތެއް ނުވި އެވެ. ނަމަވެސް، އިންޑިއާއިން ކުރި ޑިޕްލޮމެޓިކް މަސައްކަތްތަކަށްފަހު، ސެޕްޓެމްބަރު 12 ގައި ބޭއްވި ވެރިންގެ ބައްދަލުވުމުގައި ވަނީ މި ބަޔާން ނެރެފަ އެވެ.

މި ބަޔާނުގައި އާންމުންގެ އުމްރާނީ ވަސީލަތްތަކަށާއި ނިއުކްލިއާ މަރުކަޒުތަކަށް ދޭ ހަމަލާތައް ވަނީ ކުށްވެރިކޮށްފަ އެވެ. އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ފުރިހަމަ ރައްކާތެރިކަމުގެ ދަށުގައިވާ ނިއުކްލިއާ މަރުކަޒުތަކަށް ގަސްތުގައި ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި އިންސާނުންނާއި ތިމާވެށި ރައްކާތެރިކުރުމަށްޓަކައި، ހަނގުރާމައިގެ ވަގުތުތަކުގައިވެސް ނިއުކްލިއާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ މަސްރަހުގައި އުފެދިފައިވާ ބައިބައިވުންތަކާއި އިތުބާރު ނެތުމުގެ މައްސަލަތަކަށް އިޝާރާތްކޮށް، ބައިނަލްއަގުވާމީ ސުލްހަޔާއި އަމާންކަން ގާއިމުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ބްރިކްސްގެ ބަޔާނުގައި ބާރުއަޅާފައިވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، މި އިއްތިހާދަކީ ކޮންމެ ގައުމެއްގެ އަޑު އިވޭ، އަދި އިންސާނިއްޔަތުގެ ތަރައްގީއަށް އިސްކަންދޭ ބައިވެރިވުމުގެ މާހައުލަކަށް ހަދަންޖެހޭ ކަމަށެވެ.

މި ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި، ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިން އަދި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ބައިވެރިވެވަޑައިގެންނެވި އެވެ. ސައުދީ އަރަބިއްޔާ ހިމެނޭހެން 11 ގައުމުން ވަނީ ޖިއޮޕޮލިޓިކަލް ގޮތުން ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް ގުޅިފައިވާ ބަޔާނަކަށް އެއްބަސްވެފަ އެވެ. މި އެއްބަސްވުމަށް އައުމަށްޓަކައި ސެޕްޓެމްބަރު 12 ގެ ފަތިހާ ހަމައަށް މަޝްވަރާތައް ކުރިއަށްދިޔަކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކު މައުލޫމާތު ދެއްވި އެވެ.