ގއ. މާމެންދޫގެ ގެސްޓު ހައުސްއަކާއި ސިއްހީ މަރުކަޒުގެ ބޭސްފިހާރައިން 60،000 އަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެރަށު އަންދަލީބުގެ، އުމުރުން 42 އަހަރުގެ އަހްމަދު ސައުދު އާއި އެ ރަށު ސަންލައިޓްވިލާ، އުމުރުން 33 އަހަރުގެ ހަމްދޫން ހަސަން ކަމަށެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ސައުދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި ހަމްދޫން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

މާމެންދޫގައި ހިންގި މި ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މައްސަލަ ހުށަހެޅުމާއެކު ފެށި ތަހުގީގުގެ ތެރެއިން، ތުހުމަތުކުރެވޭ މީހުން ހޯދައި، އެ މީހުން ވަގަށްނެގި ތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ.

ގެސްޓު ހައުސްއިން ވަގަށްނަގާފައިވާ ތަކެތީގެ ތެރޭގައި މެކްބުކް ސާފޭސް ޕްރޯއަކާއި، ޑީޖޭއައި ޑްރޯން ކެމެރާ ސެޓެއްގެ އިތުރުން ގޯޕްރޯއަކާއި ކެނޮން ކެމެރާއެއް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން، ބޭސްފިހާރައިން ފައިސާއާއި އެހެނިހެން ބައެއް ތަކެތި ވަގަށްނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.