މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ޓަކައި، ހާއްސަ ބާރުތަކަކާ އެކު ވަގުތީ ގޮތުން އުފައްދާ "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ އިސްވެރިޔާގެ މަގާމަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު ޔޫސުފް މާނިއު މުހައްމަދު ހަމަޖައްސައިފި އެވެ.

މި އައްޔަންކުރުން ސަރުކާރުން އަދި ރަސްމީކޮށް އާންމުކޮށްފައި ނުވި ނަމަވެސް، މާނިއު އެ މަގާމާ ހަވާލުވިކަން ބައެއް މީޑިއާތަކަށް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން އުފައްދާ މި އޮފީހުގެ މައިގަނޑު ބޭނުމަކީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން ގްރޭޓާ މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން އެންމެ އެކަށޭނަ ގޮތެއްގައި ބެލެހެއްޓުމެވެ. މި އޮފީހަށް ގާނޫނުން މަތިކޮށްފައިވާ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ، މާލެ ސަރަހައްދަށް އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ހާއްސަ ކޯޓާ ސިސްޓަމެއް ތައާރަފުކޮށް، އުޅަނދު ރަޖިސްޓްރީ ކުރެވޭނެ އެންމެ މަތީ އަދަދު ކަނޑައެޅުމެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގައި އަލަށް އުޅަނދެއް ރަޖިސްޓްރީ ކުރެވޭނީ ބޭނުންކުރުން ހުއްޓާލައި ނައްތާލާ އުޅަނދުތަކުގެ 30 އިންސައްތައަށް ވުރެ އިތުރުނުވާނޭ މިންވަރަކަށެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރެވޭނެ އެންމެ ގިނަ އުޅަނދުގެ އަދަދު އެ އޮފީހުން ކަނޑައަޅަން ޖެހެ އެވެ.

އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގައި މާލެ ސަރަހައްދަށް ހާއްސަކޮށް ހިމަނާފައިވާ މި "ސަންސެޓް" ބާބުގެ ދަށުން އުފައްދާ މި އޮފީހަށް އަމަލުކުރެވޭނީ ގިނަވެގެން ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ.