ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ ފަރާތުން ސައުދީ އަރަބިއްޔާއަށް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ލިބުމާ ގުޅިގެން، މާތްވެގެންވާ މައްކާގައި މިވަގުތު ތިބި ދިވެހި އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށާއި އެއްވެސް ނުރައްކަލެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ ސިވިލް ޑިފެންސުން ވަނީ އެ ގައުމުގެ ހުޅަނގު ސަރަހައްދުގައިވާ މައްކާ، ޖިއްދާ އަދި ތާއިފަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބޭނުންކުރާ ނޭޝަނަލް އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރިކަމުގެ އިންޒާރު ނެރެފަ އެވެ. މި އިންޒާރާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ އެ ސަރަހައްދުތަކުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ވަގުތުން ފަށައިފަ އެވެ.
ދިވެހިންގެ ހާލަތު ބެއްލެވުމަށް ފަހު އިސްލާމިކް މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޝަހީމް ވިދާޅުވީ، މައްކާގައި މިވަގުތު ތިބި ހުރިހާ ދިވެހި އުމްރާވެރިންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.
ސައުދީގެ އިދާރާތަކުން ނެރުނު އިރުޝާދުގައި ވަނީ އާންމުން ހަމަޖެހިގެން ތިބުމަށާއި، ކުޑަދޮރުތަކާއި ބެލްކަނި އަދި ފުރާޅު ފަދަ ހާމަކަން ބޮޑު ތަންތަނާ ދުރުހެލިވެ ރައްކާތެރި އިމާރާތްތަކުގެ އެތެރޭގައި ތިބުމަށް އެދިފަ އެވެ. އަދި ބޭރުގައި އުޅޭ މީހުންނާއި ދަތުރުފަތުރުކުރާ ފަރާތްތަކުން ވެސް އުސް އިމާރާތްތަކާއި ފާލަންތަކާ ދުރުގައި މަޑުކުރުމަށާއި، ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އަންގާފައިވެ އެވެ.
މި އިންޒާރުތައް ނެރެފައިވަނީ ހޫތީން ސައޫދީގެ ރަށްތަކަށާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ދޭ މިސައިލާއި ޑްރޯން ހަމަލާތައް އިތުރުކޮށް، ދެފަރާތުގެ ދެމެދުގައި ކުރިމަތިލުންތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޖިއްދާ، މައްކާ އަދި ތާއިފަށް ކުއްލި ނުރައްކަލު އިންޒާރު ދީފި
ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުމަށް ޕެޓްރޮނާސްއާއެކު މަޝްވަރާކުރަނީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝަމްހީދު ވާދަކުރައްވަނީ