ރާއްޖޭގެ އިގުތިސާދަށް ޑޮލަރު ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ ޑޮލަރަށް ޖެހިފައިވާ ދަނޑިވަޅެއްގައި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަން އޮތް 50 މިލިއަން ޑޮލަރު މިއަދު ސަރުކާރުން ދައްކައިފި އެވެ. މި ފައިސާ ދެއްކި ނަމަވެސް ގައުމަށް ބޭނުންވާ ޒަރޫރީ މުދަލާއި ބޭސް އެތެރެކުރުމަށް ދަތި ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބަޖެޓަށް އެހީވުމަށް އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު އެކި ފަހަރު މަތިން އިންޑިއާއިން ވަނީ އިތުރުކޮށްދީފަ އެވެ.
މި ފައިސާ އެއްކޮށް ދެއްކި ގޮތުގެ ތަފުސީލު ހާމަކުރަމުން ފިނޭންސް މިނިސްޓްރީން ބުނީ، އޭގެ ތެރެއިން ފުރަތަމަ 50 މިލިއަން ޑޮލަރު 2024 ވަނަ އަހަރުގެ ކުރީކޮޅު ދައްކާފައިވާއިރު، ދެވަނަ 50 މިލިއަން ޑޮލަރު ދެއްކީ މިދިޔަ މެއި މަހު ކަމަށެވެ. އަދި ބާކީ އޮތް 50 މިލިއަން ޑޮލަރު މިއަދުގެ ނިޔަލަށް ދައްކައި، އެ ޓީ-ބިލް މިހާރު ވަނީ އެއްކޮށް އަދާކޮށްފަ އެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު މިދިޔަ މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރެވެ. ފިނޭންސް މިނިސްޓްރީން ބުނީ ތެލާއި، ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންކަމުން، ބޭރުގެ ދަރަނި އަދާކުރުމުގެ ސަބަބުން އަސާސީ މުދާ އެތެރެކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ. އަދި ދައުލަތުގެ ދަރަނިތައް ޒިންމާދާރުކަމާ އެކު ދެއްކުމަށްޓަކައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ފައިސާ ޖަމާކުރުމާއި، ދުރާލާ ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
މީގެ އިތުރުން، އެހީދޭ އެކި ގައުމުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާ އެކު ކުރެވޭ މަޝްވަރާތައް ކާމިޔާބުވަމުން އަންނަ ކަމަށާއި، އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ރިޒާވް ވަރުގަދަވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ހާމަކުރި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ޓީ-ބިލުގެ 100 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ފައިސާ ދައްކައިދިނީ އިންޑިއާ ސަރުކާރުންނެވެ. އަދި 2019 ވަނަ އަހަރު އެސްބީއައިން ދިން 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މީގެ ކުރިން އިންޑިއާއިން ވަނީ މައާފު ވެސް ކޮށްދީފަ އެވެ.
ނަމްޒާ ޕީއެސްއެމް ބޯޑަށް ޝަރުތު ހަމަވުމާމެދު ސުވާލު އުފެދިއްޖެ
ކެއުމުގައި މިހާރަށްވުރެ ގިނައިން "ހޯލް ގްރެއިންސް" ހިމަނަންޖެހޭ!
"ފަތުރުވެރިކަމަށް އޮތް އިތުބާރު މި ސަރުކާރުން ގެއްލުވާލައިފި"