ސައުދީ އަރަބިއްޔާގެ އެދުމުގެ މަތިން، ހޫތީންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަށް އެހީތެރިވުމަށް ޗައިނާއިން އީރާނަށް ބާރުއަޅަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިކަމާ ގުޅުންހުރި އީރާނުގެ ތިން އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ހަފުތާގައި އީރާނުގެ ތާއީދު އޮންނަ ހޫތީ ގްރޫޕުން ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން، ސައުދީ އަރަބިއްޔާއިން ޗައިނާގެ އެހީތެރިކަމަށް އެދުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ހޫތީންގެ ހަރަކާތްތައް ހުއްޓުވުމަށް އެހީތެރިވުމަށް ޗައިނާއިން ވަނީ ސިއްރު ގޮތެއްގައި ތެހެރާނަށް ދަންނަވާފަ އެވެ.
ސައުދީ އަރަބިއްޔާއިން ޗައިނާގެ އެހީތެރިކަމަށް އެދުނީ ރަތްކަނޑުގެ އައްސޭރިފަށާއި ބާބުލް މަންދަބް ކަނޑުއޮޅި ހިމެނޭ ސަރަހައްދުތަކުގައި ހޫތީން ހަލުވިކަމާއެކު ކުރިއަރަމުންދާތީ އެވެ. މިކަމުގެ ސަބަބުން ސައުދީގެ ތެޔޮ އެކްސްޕޯޓް ކުރުމަށާއި ކަނޑު ދަތުރުފަތުރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް މަސްދަރުތަކުން ބުނެ އެވެ.
ޗައިނާއިން ފާޅުގައި ގޮވާލަމުންދަނީ މަސްލަހަތު ރައްކާތެރިކުރުމަށާއި، މަޝްވަރާގެ މަގު އިހުތިޔާރު ކުރުމަށާއި، ކަނޑުދަތުރުފަތުރުގެ ސަލާމަތްތެރިކަން އަލުން ގާއިމުކުރުމަށެވެ. ނަމަވެސް، އެ ގައުމުން އީރާނަށް ފޮނުވި ސިއްރު މެސެޖުތައް މިއަށްވުރެ މާ ހަރުކަށި ކަމަށް މައުލޫމާތު ލިބެ އެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާ ބަރޯސާވާ ހަކަތައިގެ މަގުތަކަށް މި ހަމަނުޖެހުންތަކުގެ އަސަރު ފޯރިޔަނުދިނުމަށްޓަކައި، ހޫތީންގެ މައްޗަށް އޮތް ނުފޫޒުގެ ބޭނުން ހިފުމަށް ޗައިނާއިން އީރާނަށް ބާރުއަޅަ އެވެ.
މި މެސެޖު ފޮނުވީ ކޮން ގޮތަކަށް ކަމެއް ނުވަތަ މިދިޔަ ބުދަ ދުވަހު އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ޗައިނާއަށް ކުރެއްވި ޒިޔާރަތުގައި މިކަމާ ބެހޭގޮތުން ވާހަކަ ދެކެވުނު ކަމެއް ސާފުކޮށްދީފައެއް ނުވެ އެވެ. ނަމަވެސް، އީރާނުން މިކަމަށް ދިން ޖަވާބަކީ ސަރަހައްދީ ސުލްހަ އާއި ހަމަޖެހުން ގާއިމުކުރެވޭނީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ހުއްޓާލައިގެން ކަމަށެވެ.
ޗައިނާގެ އޮފިޝަލުން އީރާނަށް އެއްވެސް ސީދާ އިންޒާރެއް ދީފައެއް ނުވެ އެވެ. އަދި ހޫތީން ކޮންޓްރޯލް ނުކޮށްފިނަމަ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރާނެ ކަމުގެ އިޝާރާތެއްވެސް ދީފައެއް ނުވެ އެވެ. މިކަމާ ގުޅޭގޮތުން ޗައިނާގެ ހާރިޖީ ވުޒާރާއިން ބުނީ، ސަރަހައްދީ ނުތަނަވަސްކަން ޔަމަނާއި ރަތްކަނޑަށް ފެތުރިގެން ދިއުމަކީ އެ ގައުމުން އެދޭ ގޮތެއް ނޫން ކަމަށާއި، މިފަދަ ހަމަނުޖެހުންތަކަކީ އެއްވެސް ފަރާތެއްގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށެވެ.
ސަރަހައްދީ ބޮޑު ހަނގުރާމައެއްގެ ބިރު
ވޭތުވެދިޔަ ދިހަ އަހަރަށްވުރެ ގިނަ ދުވަހު ޗައިނާއަކީ އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ އެވެ. އަދި އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމަކީވެސް ޗައިނާ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރު އީރާނުން ކަނޑުމަގުން އެކްސްޕޯޓްކުރި ތެލުގެ 80 އިންސައްތައަށްވުރެ ގިނައިން ގަނެފައިވަނީ ޗައިނާއިންނެވެ.
ހުޅަނގުގެ އިސް ޑިޕްލޮމޭޓަކު ވިދާޅުވި ގޮތުގައި، ހޫތީން ހުއްޓުވުމަށް އީރާނަށް ބާރުފޯރުވޭނެ މަދު ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެ އެވެ. އީރާނުގެ މަސްދަރުތަކާއި ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގައި، ހޫތީންނަކީ އީރާނުން ހަތިޔާރާއި ތަމްރީނާއި ފައިސާ ފޯރުކޮށްދޭ، އީރާނުގެ "އެކްސިސް އޮފް ރެސިސްޓެންސް" ގެ ބައެކެވެ.
ހޫތީން ރަތްކަނޑާއި ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދިނުމަކީ ދުނިޔޭގެ ހަކަތައިގެ ކްރައިސިސް އިތުރަށް ގޯސްވެ، ސަރަހައްދީ ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމެކެވެ. ހޮރްމުޒް ކަނޑުއޮޅި މިހާރުވެސް ބަންދުވެފައި އޮތްއިރު، ރަތްކަނޑުގެ ބަނދަރުތަކަށް ނުވަތަ އުޅަނދުތަކަށް ދޭ ހަމަލާތައް ކުރިއަށްދާނަމަ، މެދުއިރުމަތީގެ ތެޔޮ އެކްސްޕޯޓްކުރާ މައިގަނޑު ދެ މަގު އެއްފަހަރާ ބަންދުވެގެންދާނެ އެވެ.
މެދުއިރުމަތީގެ މުހިންމު ދެ ކަނޑުއޮޅީގެ މައްޗަށްވެސް މިހާރު އީރާނާއި އެ ގައުމުގެ ބައިވެރިންގެ ނުފޫޒު އެބައޮތެވެ. ޗައިނާއަކީ މި ދެ މަގަށްވެސް ބަރޯސާވާ ގައުމަކަށް ވުމުން، މި ހާލަތުގެ ސަބަބުން ޗައިނާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. ޗައިނާގެ ތެލުގެ އެތެރެކުރުމުގެ ދެބައިކުޅަ އެއްބައި ހިއްސާކުރަނީ މެދުއިރުމަތިންނެވެ.
ޗައިނާގެ ހާލަތު
ޗައިނާއިން އެދުނު ގޮތަށް އީރާނުން އަމަލުކުރާނެ ކަމެއް އަދި ސާފެއް ނޫނެވެ. ނަމަވެސް، އެމެރިކާއާއެކު އޮތް ނުތަނަވަސްކަމުގެ ތެރޭގައި ޗައިނާއާއެކު އޮންނަ ގުޅުމަކީ އީރާނަށް އިގްތިސާދީ ގޮތުންނާއި ސްޓްރެޓީޖިކް ގޮތުން ވަރަށް މުހިންމު ގުޅުމެކެވެ. އީރާނުގެ ތެޔޮ ސިނާއަތް ދެމެހެއްޓުމަށާއި އިގްތިސާދީ ފިއްތުންތަކުން އަރައިގަތުމަށް ބޭނުންވާ އިންވެސްޓްމަންޓް ފޯރުކޮށްދެވޭނެ ގާބިލްކަން ހުރި މަދު ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެ އެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރު އީރާނާއި ސައުދީ އަރަބިއްޔާގެ ގުޅުން އަލުން ގާއިމުކުރުމުގައިވެސް ޗައިނާއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ނަމަވެސް، ޗައިނާގެ މި ނުފޫޒަށް ހުރަސްތަކެއްވެސް އެބަހުއްޓެވެ. އީރާނުގެ އެތެރޭގެ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، 2021 ވަނަ އަހަރު ސޮއިކުރި 25 އަހަރުގެ އެއްބަސްވުމާ އެއްގޮތަށް ޗައިނާއިން އީރާނުގައި ކުރާ އިންވެސްޓްމަންޓްތައް މަދެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޗައިނާގެ މި އެދުމަށް އީރާނުން ދޭނެ އިޖާބައަކީ ޗައިނާގެ ނުފޫޒު ވަޒަންކުރެވޭނެ މުހިންމު އިމްތިހާނެކެވެ. އަދި އީރާނުގެ މައްޗަށް އޮތް ބާރު ޗައިނާއިން ބޭނުންކުރާ މިންވަރުން އެ ގައުމުގެ ސިޔާސީ ވަރުގަދަކަން ހާމަވެގެންދާނެ އެވެ.
ޓޮމްއާއި ޒެންޑޭޔާގެ ކައިވެނީގެ އަޑުތަކަށް އެންމެ ފަހުން ނިމުމެއް!
ޕީއެންއެފުން މެންބަރުން ވަކިކުރާތީ ޝަކީލްގެ މައްސަލަ ފުލުހަށް
ކޮޗިންގައި ތާށިވި ފަސިންޖަރުން މޯލްޑިވިއަނުން ރާއްޖެ ގެނެސްދީފި
