އަންނަ މަހުން ފެށިގެން ބޭރުގެ ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން އަދި ބުކިން ޕްލެޓްފޯމުތަކުން 17 އިންސައްތައިގެ ޓެކްސް ނެގުމަށް ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރުން ފަސްކޮށް، ފަތުރުވެރިކަމުގެ ސިނާއަތުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ކިބައިން އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި މެންބަރު މުހައްމަދު އިބްރާހިމް ވަނީ ބައިނަލްއަގުވާމީ މާކެޓުގެ އިތުބާރު ދެމެހެއްޓޭނެ ފަދަ އުސޫލުތައް ކަނޑައެޅުމުގެ ފުރުސަތު ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ހޯދައިދިނުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް ފާހަގަކުރައްވައިފަ އެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމެޓީ މެދުވެރިކޮށް މި މައްސަލަ ބަލައިދިނުމަށް ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
ޖީއެސްޓީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ މެދު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް ދިގު މުއްދަތުގެ ފައިދާ ހޯދައިދިނުމަށް މަސައްކަތްކުރާ 'ޑެސްޓިނޭޝަން ފިއުޗާ' ޖަމްއިއްޔާގެ ރިޕޯޓުގައިވާ މުހިންމު ކަންކަން މެންބަރުގެ ސިޓީގައި ވަނީ ހިއްސާކުރައްވައިފަ އެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އޮކިއުޕެންސީ ވަނީ ދަށްވެފައެވެ. މިފަދަ ހާލަތެއްގައި އިތުރު ޓެކުހެއް ތައާރަފު ކުރުމަކީ ވިޔަފާރިތަކަށް އޮތް ބޮޑު ނުރައްކަލެކެވެ.
ރާއްޖޭގައި 165 ރިސޯޓު ހިންގަމުންދާއިރު އިތުރު ރިސޯޓުތައް ތަރައްގީކުރަމުންދާ މި ދަނޑިވަޅުގައި، ޓެކްސްތައް ތައާރަފު ކުރުމުން އަގުތައް ބޮޑުވެ ފަތުރުވެރިން ގެނައުމަށް ހުރަސްތައް ކުރިމަތިވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ބޭރުގެ ޓްރެވެލް އެޖެންޓުންނާއި އެއާލައިންތަކުން ފަތުރުވެރިން ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރާއިރު، 17 އިންސައްތައިގެ ޓެކްސް ނެގުމުން ޕެކޭޖުތަކުގެ އަގު ބޮޑުވެ އެ ފަރާތްތަކުގެ ފައިދާ ދަށްވާނެކަން ފާހަގަކޮށްފައިވެ އެވެ.
މި ޓެކުހުގެ ސަބަބުން ދައުލަތަށް 1.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް، ބޭރު ގައުމުތަކުގައި ހިންގާ ވިޔަފާރިތަކުގެ އަގުތަކާއި މާކްއަޕްތައް އަދި ޗާޓަރު އުދުހުންތަކުގެ ހިސާބުތައް ބަލައި ކަށަވަރު ކުރުމަކީ މީރާއަށް އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.
ބޭރުގެ ބޮޑެތި ކުންފުނިތަކުން ރާއްޖެއާ އޮންނަ ގުޅުން ކަނޑާލައި ވާދަވެރި މާކެޓުތަކަށް އެނބުރިއްޖެ ނަމަ، ގެއްލޭ މާކެޓުތައް އަނބުރާ ހޯދުމަށް އުނދަގޫވާނެ އެވެ.
މި ޓެކުހުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ތިން އިންސައްތަ ދަށްވާނެ ކަމަށް ލަފާކުރާއިރު، ޓެކްސް އިން ލިބޭނެ ކަމަށް އުއްމީދު ކުރާ ހުރިހާ ފައިދާއެއް ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން ބޭރުގެ ޑިސްޓްރިބިއުޝަން ވިއުގަތަކުން 17 އިންސައްތައިގެ ޓެކްސް ނެގުމުގެ މާއްދާއަށް އަމަލުކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށާއި، އެ މާއްދާތައް އުވާލުމަށް ޑެސްޓިނޭޝަން ފިއުޗާ އިން ވަނީ ހުށަހަޅައިފަ އެވެ.
ކުރިއަށް އޮތް އަހަރަކީ ވިޒިޓް މޯލްޑިވްސް އިޔާގެ ގޮތުގައި ފާހަގަކުރާ އަހަރަށްވާތީ، ފަތުރުވެރިން އަންނަ އަދަދާއި ބެޑް ނައިޓްސް އިތުރުކޮށްގެން ޓެކްސް އާމްދަނީ އިތުރު ކުރުމަށް 'ނެޝަނަލް ޓުއަރިޒަމް ގްރޯތު އެންޑް ރިވިއު ވޯކިން ގްރޫޕެއް' އެކުލަވާލަން ވެސް ހުށަހަޅާފައިވެ އެވެ.
މެންބަރު މުހައްމަދު އިބްރާހިމްގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޖީއެސްޓީ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ އިގްތިސޯދަށް ކުރާނެ އަސަރުތަކުގެ ދިރާސާއެއް ނުވަތަ މާކެޓް ރިސްކް އެނަލިސިސްއެއް އަދި ފީޒިބިލިޓީ ސްޓަޑީއެއްވެސް ނުހަދަ އެވެ.
އެހެންކަމުން މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިދާނެ ގެއްލުންތަކަށް ބެލުމެއް ނެތި، ދައުލަތުގެ ބަޖެޓުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އަވަސް އަރުވާލައިގެން ނިންމާފައިވާ ނިންމުމެއް ކަމަށް ވިދާޅުވެ، ޖީއެސްޓީ ގާނޫނަށް ގެނެސްފައިވާ އަށްވަނަ އިސްލާހު މާލިއްޔަތު ކޮމެޓީން ވަގުތުން މުރާޖައާ ކުރުން މުހިންމު ކަމަށް މެންބަރު ވިދާޅުވި އެވެ.
ޕީއެންއެފުން މެންބަރުން ވަކިކުރާތީ ޝަކީލްގެ މައްސަލަ ފުލުހަށް
ކޮޗިންގައި ތާށިވި ފަސިންޖަރުން މޯލްޑިވިއަނުން ރާއްޖެ ގެނެސްދީފި
ހޫތީން ތާއިފަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ
