ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން 2019 ވަނަ އަހަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަޖެޓް ސަޕޯޓުގެ ގޮތުގައި ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލްގެ ފަހު ބައި ރާއްޖޭން އިއްޔެ ދައްކައި ހަލާސްކޮށްފައި ވާއިރު، އޭގެ އިންޓްރެސްޓް ދައްކައިދިނީ އިންޑިއާއިން ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ވިދާޅުވީ، ދިވެހި ސަރުކާރުން ވިއްކާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތަކަށް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އިންޓްރެސްޓުގެ ގޮތުގައި އެރި 45 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ ސަރުކާރުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ މާލީ ނިޒާމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައިދީފައިވާ ކަމަށާއި، އެސްބީއައި އިން އިތުރު 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު ގަނެފައިވާކަން ވެސް ޖައިސްވާލް ފާހަގަކުރެއްވި އެވެ.

މި މާލީ އެހީތެރިކަމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށާއި، ރާއްޖެއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެސްބީއައިއިން ގަތް މި ޓީ-ބިލްތަކުގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރުގެ ފަހު ބައި އިއްޔެ ދިވެހި ސަރުކާރުން ދައްކައި ހަލާސްކޮށްފައި ވާއިރު، މީގެ ކުރިން މި ޓީ ބިލްތައް ދެއްކުން ފާއިތުވި އަހަރުތަކުގައި ހަ ފަހަރެއްގެ މަތިން، ކޮންމެ ފަހަރަކު އަހަރެއްގެ މުއްދަތަށް އިންޑިއާއިން ވަނީ އާކޮށްދީފަ އެވެ. މި ސަރުކާރުން ވަނީ މި ޓީ-ބިލްގެ ފުރަތަމަ 50 މިލިއަން ޑޮލަރު ޖެނުއަރީ މަހު އަދި ދެވަނަ 50 މިލިއަން ޑޮލަރު މެއި މަހު ދައްކައި ނިންމާފަ އެވެ.

މި 50 މިލިއަން ޑޮލަރުގެ ޓީ-ބިލް ދެއްކުމުން ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ހުސްވެ، ޒަރޫރީ ތަކެތި އެތެރެކުރަން ދަތިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބުދަ ދުވަހު ވިދާޅުވެފައި ވަނިކޮށް، ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މި ދަރަނި ދެއްކި ނަމަވެސް ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރެވޭނެ މިންވަރަށް ދައުލަތުގައި ފައިސާ އެބަހުރި ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި 643.8 މިލިއަން ޑޮލަރު ހުރިއިރު، ބޭނުންކުރެވޭ ރިޒާވްގައި 200.6 މިލިއަން ޑޮލަރު އެބަހުއްޓެވެ.