މިއަހަރުގެ މިހާތަނަށް ސްކޭމްގެ 1،584 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެ މައްސަލަތަކުގައި 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޓި ސްކޭމް ސެންޓަރުގެ ހެޑް އާދަމް ނަވީދު ވިދާޅުވި ގޮތުގައި، ގެއްލުނު 15 މިލިއަނަށް ވުރެ މަތީ އަދަދުގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 6.6 މިލިއަން ރުފިޔާ އެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ހިންގަނީ އޮންލައިން ވިޔަފާރީގެ ނަމުގައި ފައިސާ ހޯދާ ސްކޭމްތައް ކަމަށާއި، މި އަހަރު ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން 821 މައްސަލައަކީ އެފަދަ ހާދިސާތައް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 240 މައްސަލައަކާއި، ޝަހުސު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 213 މައްސަލައެއް ވެސް ވަނީ ހުށަހެޅިފަ އެވެ.
އާދަމް ނަވީދު އިތުރަށް ވިދާޅުވީ، މުޅިން އާ ބާވަތެއްގެ ސްކޭމެއް ކަމަށްވާ "ބުކިން ކެންސަލޭޝަން ރީފަންޑް ސްކޭމް" ވެސް މުޖުތަމައުގެ ތެރެއިން ފެނިފައިވާ ކަމަށާއި، އެ މައްސަލަ ފެންމަތިވުމާއެކު މީޑިއާތައް މެދުވެރިކޮށް ރައްޔިތުން ސަމާލުކުރުމަށް މައުލޫމާތު އާންމުކޮށްފައިވާނެ ކަމަށެވެ. އަދި ސްކޭމް ހުއްޓުވުމުގެ މަސައްކަތުގެ ތެރެއިން 2،803 އެކައުންޓެއް 48 ގަޑިއިރަށް ފްރީޒްކޮށްފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން 530 އެކައުންޓެއް އިތުރު ތިން މަސްދުވަހަށް ވަނީ ފްރީޒްކޮށްފަ އެވެ.
މިފަދަ ސްކޭމް ނެޓްވޯކްތަކުގައި ބައިވެރިވި 53 މީހަކު ހައްޔަރުކޮށް، ދައުވާކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، އޭގެ ތެރެއިން 25 މައްސަލައެއް ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. އަދި ހަތަރު މީހެއްގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ.
މައިގަނޑު ގޮތެއްގައި މާލެ، އައްޑޫ، ރ. އަތޮޅު އަދި ހދ. ކުޅުދުއްފުށިން މިފަދަ މައްސަލަތައް ގިނައިން ރިޕޯޓުކުރެވޭއިރު، ސްކޭމް ކުރާ މީހުންނަށް ބޭންކުތަކުން ފައިސާ ނެގެނީ ބޭންކް އެކައުންޓްތައް ކުއްޔަށްދޭ މަދު ބަޔަކު އުޅޭތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަންހެނުންގެ ދިރިއުޅުމުގެ ވައްޓަފާޅިން ހޯމޯންތަކަށް އަސަރު ކުރޭ!
ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު ސަލާމަތްކޮށްފި
ކަނޑުގެ 500 މީޓަރު އަޑިން ފެން ނަގަން ސާވޭކޮށްފިން: ފަހުމީ