ބެންކޮކަށް މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، ދަތުރުފަތުރަށާއި އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ، އެ ސިޓީގެ ހުރިހާ 50 ޑިސްޓްރިކްޓަކީ ކާރިސާގެ ހާލަތުގައިވާ ސަރަހައްދުތަކެއް ކަމަށް ރަސްމީކޮށް ކަނޑައަޅައިފި އެވެ.

ބެންކޮކްގެ ގަވަރުނަރު ޗަދުޗާޓް ސިއްތިޕަންޓް ހޮނިހިރު ދުވަހުގެ ހެނދުނު މި އަމުރުގައި ސޮއިކުރެއްވީ، މީގެ ކުރިން ކާރިސާގެ ހާލަތު އިއުލާނުކޮށްފައިވާ ނޮންގް ޗޮކް، ސުއާން ލުއާން އަދި ހާން ނާ ޔާއޯގެ އިތުރުން މުޅި ސިޓީއަށް އެ ހާލަތު ފުޅާކުރުމަށެވެ.

މި ނިންމުމުގެ ސަބަބުން، ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބެންކޮކް މެޓްރޯޕޮލިޓަން އެޑްމިނިސްޓްރޭޝަނާއި، ދައުލަތުގެ އެހެނިހެން އިދާރާތަކުގެ އިތުރުން ލޯކަލް އެޑްމިނިސްޓްރޭޝަންތަކަށް މިހާރަށްވުރެ އަވަހަށް އަދި ރޭވުންތެރިކަމާއެކު ފިޔަވަޅު އެޅުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

މި ފިޔަވަޅު އަޅާފައިވަނީ ވެރިރަށުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ޓްރެފިކްގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. ވަކިން ހާއްސަކޮށް ބެންކޮކްގެ އިރުމަތީ ސަރަހައްދުތަކަށް ވަނީ މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 9 ޖެހިއިރު އާންމުންގެ ފޯނުތަކަށް ފޮނުވި މެސެޖެއްގައިވާ ގޮތުން، ކެނަލްތަކުގެ ފެންގަނޑު މިހާރުވެސް ހުރީ ނުރައްކާތެރި މިންވަރަކަށް އުފުލިފަ އެވެ. އަދި ކުރިއަށް އޮތް ވަގުތުތަކުގައި ފެންގަނޑު އިތުރަށް އުފުލޭނެ ކަމަށް ބެލެވޭތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.