ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ ވަކި ރައީސެއްގެ ނުވަތަ ސަރުކާރެއްގެ އަމިއްލަ މިލްކިއްޔާތެއް ނޫން ކަމަށާއި، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ބިމާއި ސިޔާދަތު ދޫކޮށްލުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ މި ސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ ބިން ޔޫއޭއީގެ ކުންފުންޏަކަށް ދިނީ 99 އަހަރަށް ނޫން ކަމަށާއި، ދުވަހަކު ވެސް ދިވެހިންނަށް އެތަން އަނބުރާ ނުލިބޭ ގޮތަށް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ.

މަޝްރޫއު ހިންގާ އީގަލް ހިލްސްއަށް މި ބިން ދިނުމަށްޓަކައި އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކުރީ މިދިޔަ ހޯމަ ދުވަހު އެވެ. މި އެއްބަސްވުމުގެ ތަފުސީލު ހާމަނުކޮށް، ސަރުކާރުން މީގެ ކުރިން ބުނަމުން އައީ އެތަން ދޫކުރީ 99 އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަދި އެތަން ދީފައިވަނީ އެއްވެސް ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއް ވެސް ނުނަގާ މުޅިން ހިލޭ ކަމަށް ވަނީ އެނގިފަ އެވެ.

ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ބަނދަރުތަކާއި، ފަޅުތަކާއި، ރަށްތަކަކީ އަދި ބިންތަކަކީ ވިޔަފާރި މުއާމަލާތްތަކުގައި ބޭނުންކުރާ ވަސީލަތްތަކެއް ނޫން ކަމަށާއި އެއީ ދިވެހި ރައްޔިތުންގެ ގައުމީ ހަރުމުދާ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުން ބިލިއަން ޑޮލަރުގެ ހުށަހެޅުންތަކާއެކު އައުމުން ގާނޫނުއަސާސީގައިވާ ރައްކާތެރިކަމުގެ އުސޫލުތައް އެއްފަރާތް ކުރަމުންދާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައީ ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކޮށް، ގައުމީ މުދާ ރައްކާތެރިކުރާނެ ކަމަށް ބުނެ ކަމަށާއި ނަމަވެސް ވެރިކަމަށް އައުމާއެކު އެ އުސޫލުތައް ގެއްލިގެން ގޮސްފައިވާ ކަމަށް ޑރ. ޖަމީލް ފާހަގަކުރެއްވި އެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ޖަމީލް ވިދާޅުވީ، ރާއްޖެއަކީ ބިމުގެ ދަތިކަން އިންތިހާއަށް އޮތް ގައުމަކަށް ވެފައި، އެތައް ރައްޔިތުންނެއް ބޯހިޔާވަހިކަމަށް އެދިއެދި ތިއްބާ، ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާ ބިންތަކަކީ ވަކި ވެރިއެއްގެ ނުވަތަ 5 އަހަރުގެ ދައުރެއް އަދާކުރާ ސަރުކާރެއްގެ އަމިއްލަ އެއްޗެއް ނޫން ކަމަށެވެ. އަދި ގާނޫނުއަސާސީގެ 251 ވަނަ މާއްދާއިން ބޭރު ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ނުކުރެވޭނެ ކަމަށާއި، ކުއްޔަށް ދެވޭނީ ވެސް އެންމެ ގިނަވެގެން 99 އަހަރަށް ކަމަށް ކަނޑައަޅާފައިވަނީ ސަބަބުތަކެއް ހުރުމުން ކަމަށް ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއު ތަރައްގީކުރުމުގައި ހަރަކާތްތެރިވާ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަކީ މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ވިޔަސް، ރާއްޖެ ފަދަ ކުޑަ ގައުމަކުން މިފަދަ އެއްބަސްވުންތައް ހަދަންވާނީ ފުރިހަމަ ދެފުށް ފެންނަ ގޮތެއްގައި ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ބިމުގެ މިންވަރާއި، ޝަރުތުތަކާއި، މުއްދަތާއި، ރާއްޖެއިން އުފުލަންޖެހޭ ޒިންމާތަކުގެ ތަފްސީލު ހާމަކުރުމަށް ސަރުކާރަށް ޖަމީލް ވަނީ ގޮވާލައްވާފަ އެވެ. އަދި މި މަޝްރޫއު ނާކާމިޔާބުވެއްޖެ ހާލަތެއްގައި ވާނެ ގޮތާއި، މި އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭތޯ ބެލުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"ތަރައްގީ އަކީ ގައުމުގެ މުހިންމު ހަރުމުދާ ދޫކޮށްލަން ލިބޭ އުޒުރެއް ނޫން. އަދި އިންވެސްޓްމަންޓްތަކަކީ ގައުމުގެ ސިޔާދަތުގެ ބަދަލުގައި ގެނެވޭނެ އެއްޗެއް ނޫން،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށްވުރެ މަތީގައި އެއްވެސް ރައީސަކު ނުހުންނާނެ ކަމަށާއި، މި ގައުމާއި، ބިމާއި އަދި ގައުމުގެ ސިޔާދަތަކީ ވިއްކާލެވޭނެ އެއްޗެއް ނޫން ކަމަށް ޖަމީލް ވިދާޅުވި އެވެ.