މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާއި އެ މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތައް ބޭނުންކުރުމަށް އެޕްލިކޭޝަނެއް ހަދަން ބަޔަކާ ހަވާލުކޮށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރިއިރު، އެ އެޕްލިކޭޝަން ވުޖޫދުގައި ވެސް ނެތްކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކުން ހާމަވެއްޖެ އެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގެ 2023 ވަނަ އަހަރުގެ މާލީ ބަޔާނުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ސޮފްޓްވެއާ ޑިވެލޮޕްމަންޓް މަސައްކަތެއް ކުރުމަށް 2021 ވަނަ އަހަރު ކުންފުންޏަކާއެކު ސޮއިކޮށް، އެ މަސައްކަތުގެ މުއްދަތު 12 ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްދީފަ އެވެ.
އެންމެ ފަހުން މަސައްކަތް ނިންމަން 23 އޮކްޓޫބަރު 2022 ގެ ނިޔަލަށް މުއްދަތު ދިން ނަމަވެސް، އެއްބަސްވުމުގައިވާ 12 މޮޑިއުލްގެ ތެރެއިން އެއްވެސް މޮޑިއުލެއްގެ މަސައްކަތް ފުރިހަމައަށް ނިންމާފައެއް ނުވެ އެވެ. މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 6.01 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ހިންގާފައިވާ ކަމެއްކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި، 2021 އިން 2023 ވަނަ އަހަރުގެ ނިޔަލަށް މި ޕްރޮޖެކްޓަށް ޖުމްލަ 1,181,763 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ނަމަވެސް މި ޕްރޮޖެކްޓުގެ ތަފްސީލީ މަސައްކަތު ޕްލޭންތަކާއި، މަސައްކަތް ކުރިއަށްދިޔަ މިންވަރުގެ ރިޕޯޓުތަކާއި، މަސައްކަތް ޓްރެކްކުރާ ލޮގްތަކުގެ އިތުރުން ޑިވެލޮޕަރުންގެ ޓައިމްޝީޓުތަކާއި ޓެކްނިކަލް ޑެލިވަރަބަލްތައް ހެދިކަމުގެ އެއްވެސް ލިޔެކިޔުމެއް ބަލަހައްޓާފައެއް ނުވެ އެވެ.
ހަމައެއާއެކު ސިސްޓަމް ބޭނުންކުރަން ނުފެށުމުގެ ސަބަބުން ދައުލަތަށް އެއިން އެއްވެސް މަންފާއެއް ވެސް ލިބިފައެއް ނުވެ އެވެ.
މި މައްސަލައާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ، މިފަދަ ކަންކަން ބެލުމަށް މިނިސްޓަރު ކަނޑައަޅުއްވާފައިވާ އިންތިޒާމުގެ ތެރެއިން މި މައްސަލަ ތަހުގީގުކޮށް، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފަ އެވެ.
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭ އިސްލާހު އަވަސްކުރަން ގޮވާލައިފި
ރަސްމާލެ ދިން ޔޫއޭއީ ކުންފުނީގެ ނޫސްބަޔާން ބަދަލުކޮށްފި