ރާއްޖޭގެ ރައްޔިތުން ވަނީ ޕަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު "ފްރީ ފަލަސްތީން" ކެންޕެއިންގައި ބައިވެރިވެވަޑައިގެން ޒުވާނުން މިއަދު ކުރިއަށް ގެންދާ ހަރަކާތަށް ހިތްވަރު ދެއްވައިފި އެވެ.
އިޒްރޭލުން ޕަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ދެކޮޅަށް ޒުވާނުން އިސްނަގައިގެން މިއަދު ހަވީރު ހަތަރަކުން ހަޔަކަށް ހާއްސަ ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ އުޚުވަތްތެރި ރައްޔިތުންނާއެކު ކަން ހާމަކުރުމުގެ ގޮތުން މަޖީދީމަގުގައި ކުރިއަށް ގެންދާ ހަރަކާތުގައި ފަލަސްތީނުގެ ދިދަތައް ހިފައިގެން ބެލްކަނިތަކާއި މަގުތަކަށް ނުކުންނަށް ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިއަދުގެ އެ ހަރަކާތް ފެށެން ތައްޔާރުވެފައިވަނިކޮށް ރައީސް ސޯލިހް ވަނީ ފަލަސްތީނުގެ ދިދައާއެކު މުޅި ދުނިޔެެއަށް ވަރުގަދަ މެސެޖެއް ދެއްވާފަ އެވެ. ރައީސް ވިދާޅުވީ ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ. ސަރުކާރުން އެކި ފަހަރު މަތިން އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށްފައި އެވެ.
މީގެ އިތުރުން ވެސް އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު ދެއްވި ތަގުރީރު ގައި ފަލަސްތީނާ، އިޒްރާއީލުގެ މައްސަލާގައި ދިވެހިންގެ ވިސްނުން ހުރި ގޮތް އެ މަނިކުފާނު ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވާފަ އެވެ. އަދި މީގެ ކުރިން ވެސް ފަލަސްތީނުގެ މައްސަލާގައި ދިވެހި ރާއްޖެ ނަގާފައިވާ ސްޓޭންޑް އާ ކުރައްވާ އެކަން ވަނީ މުޅި ދުނިޔެއަށް އިއުލާނު ކޮށް ދެއްވާފަ އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރަން އދ. ގެ މެންބަރު ގައުމުތައް ނުކުޅެދިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ޕަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ގެއްލި އެތައް އަހަރުތަކެއް ފާއިތުވެގެން ދާއިރު، އެ މައްސަލަ ހައްލު ނުކުރެވި އޮތުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ޕަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ފަލަސްތީނަށް މިނިވަން ކަން ލިބެން ޖެހޭނެ ކަމަށާއި ގުދުސް އަކީ ފަލަސްތީންގެ ވެރިރަށުގެ ގޮތުގައި ރާއްޖެ އިން ކުރާ ތާއިދު އަބަދުވެސް އެގޮތުގައި އޮންނާނެކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އެ އެމަނިކުފާނު ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ގަވާއިދާ ހިލާފަށް ހިފައި ޕަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އަރައިގެންފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.
ޕަލަސްތީނުގެ ބިމަށް ވެރިވެގަނެ ދައުލަތެއް އުފައްދާފައިވާ އިޒުރޭލުން ކޮންމެ އަހަރަކުވެސް ރޯދަ މަހުގެ ފަހު ދިހައެއްގައި ލާއިންސާނީ އަމަލުތައް ތަކުރާރު ކުރެއެވެ. އެކަން އެގޮތަށް މިއަހަރު ވެސް ކުރި އެވެ.
އިޒްރޭލު ފުލުހުން ހަތިޔާރާއެކު މަސްޖިދުލް އަޤްސާއަށް ވަދެގަނެ އަޅުކަމުގައި ތިބި ފަލަސްތީން މީހުންނަށް އަނިޔާކުރުން ބޮޑު މައްސަލައަކަށްވެ މުޅި ދުނިޔެ ސަމާލުވެފައި އޮތް މިދަނޑިވަޅުގައި ވެސް އިޒްރޭލުގެ ޒައާމަތުން އިހުތިޔާރުކޮށްފައި ވަނީ ހަރުކަށިކަމާއި ގޮތްދޫނުކުރުމެވެ.
މުސްލިމުން ފާހަގަކުރާ މާތް މައްސަރުތަކާއި އީދުތަކުގައި ޕަލަސްތީން މީހުންނަށް ޖެއްސުންކޮށް އަނިޔާކުރުމަކީ އިޒްރޭލުގެ ޒައާމަތަށް ލިބޭ ނުހަނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ގިނަ ގައުމުތަކުން ދެކެ އެވެ.
މަރުހަބާ ރައީސް ސޯލިހު