ދިވެހިން ޕަލަސްތީނާ އެކު ތިބިކަން އަންގައިދޭން މިއަދު މާލޭ ސަރަހައްދުގައި ފަލަސްތީނުގެ ދިދަތައް ވިހުރުވާލައި ޝުއޫރު ފާޅުކޮށްފި އެވެ. މާލޭގެ އިތުރުން ވަރަށް ގިނަ ރަށްރަށުން މި ހަރަކާތުގައި ބައިވެރިވެ، އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އަޑުއުލާފައިވެ އެވެ.
އިޒްރޭލުން އެ ގައުމުގެ ދިފާއުގައި ކަމަށް ބުނެ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކާ ދެކޮޅުކަން އަންގުމުގެ ކެމްޕޭން ފެށީ ދިވެހި ޒުވާނުންގެ ބަޔަކު އިސްނަގައިގެންނެވެ. އެ ކެމްޕެއިންނަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން، ރާއްޖޭގެ ރައްޔިތުން ފަލަސްތީނާ އެކު ތިބި ކަމަށް ވިދާޅުވެ، އެ ގައުމު މިނިވަންކުރުމަށް ގޮވާލައި، ފަލަސްތީނުގެ ދިދައަކާ އެކު މިއަދު ވަނީ ޓުވީޓެއް ކުރައްވައިފަ އެވެ. އެ މަނިކުފާނުގެ އިތުރުން ސަރުކާރު އިތުރު ވެރިންނާއި މިނިސްޓަރުންނާއި އަދި ރައްޔިތުންގެ މަޖިލިސް މެމްބަރުން ވެސް ވަނީ ފަލަސްތީނުގެ ދިދައާ އެކު ގޭގައި ތިއްބަވައިގެން ނަންގަވާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރައްވައިފަ އެވެ.
އެ ކެމްޕެއިން ކުރިއަށް ގެންދިޔުމުގައި އިސްކޮށް އުޅުނު ޒުވާނަކު ބުނަނީ، ދިވެހިންނަކީ އަބަދު ވެސް އިސްލާމް ދީނަށް ލޯބިކުރާ ޕަލަސްތީނާއެކު ވާ ބައެއް ކަމަށެވެ. ޕަލަސްތީނަށް ދެރަ ގޮތެއް ދިމާވުމުން ހުރިހާ ސިޔާސީ ޕާޓީތަކުން އެއްގަލަކަށް އަރާ މަންޒަރު ފެނުމަކީ ގައުމުގެ އެއްބައިވަންތަކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް ބުންޏެވެ.
ޕަލަސްތީނުގެ ދިދައިގެ އިތުރުން ފަލަސްތީނުގެ ދިދައިގައި ހުންނަ ކުލަތަކުގެ ފުއްޕާހަމާއި ފޮތި ވެސް އެކި ގޭގޭގެ ބެލްކަނީތަކުގަ އާއި މަގުތަކުގައި އެލުވައިފައި ހުއްޓެވެ.
"ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން އަންގައިދިނުމަށް މި ގޭގެ ބެލްކަނީގައި އެލުވާފައިވާ އެ ގައުމުގެ ދިދަ އަކީ އަހަރެންގެ އަމިއްލަ އަތުން ފެހި ދިދައެއް،" މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
މިއަދުގެ ކެމްޕެއިންގައި ބައެއް މީހުން ޕަލަސްތީނުގެ ދިދަ އަމިއްލަ ފަހައިގެންނާއި ގަނެގެން ވެސް ބޭނުން ކުރި އެވެ. އެތައް ބަޔަކު މަގުތަކަށް ނުކުމެ ދިދަތައް ހިލޭ ބަހައި ހެދި އެވެ.
ސޯޝަލް މީޑިއާ އިންފްލުއެންސާ އަދި މޮޑެލް ކައިޒީން ވެސް ވަނީ ފަލަސްތީނުގެ 3،000 ދިދަ ހިލޭ ބަހައިފަ އެވެ. އަދި ބައެއް ފަރާތްތަކުން ފަލަސްތީނުގެ ދިދަ ވިއްކައިގެން، ލިބޭ ފައިސާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ހަދިޔާކުރަން ވެސް ވަނީ ނިންމައިފަ އެވެ.
އެމްއެންޑީއެފްގެ ބަންޑާރަކޮށީގެ އާ އިމާރާތުގައި ހުންނަ ބޮޑު ސްކްރީން ވެސް ވަނީ ފަލަސްތީނުގެ ދިދައަކުން މިއަދު ދިއްލާލައިފަ އެވެ.
މުޅި ދުނިޔޭގައި ވެސް އިޒްރޭލާ ދެކޮޅަށް މިހާރު އަޑު އުފުލަމުން އަންނަނީ، މިދިޔަ ރޯދަ މަހުގެ ފަހު 10 އަކުން ފެށިގެން އިޒުރޭލުން އެ ގައުމަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް މީހަކު ޝަހީދުވެ، ޒަހަމްވެ އަދި ހާލުގައި ޖެހެމުންދާތީ އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިންގެ ހިތުގައި އޮތް ލޯތްބާއި ކުލުނު މިއަދު ފެނިއްޖެ އެވެ. ދިވެހިން މި ތިބީ ފަލަސްތީނާއެކު އެވެ. ފަލަސްތީނު މިނިވަންވާނެ ދުވަހެއްގެ އުއްމީދުގަ އެވެ.
މިއަދުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ކޮވިޑް-19ގެ ސަބަބުން މާލޭގައި ކާފިއު ހިންގަމުންދާ ވަގުތެއްގައި ކަމަށްވުމުން ގިނަ ބަޔަކު ޕަލަސްތީނުގެ ދިދި ހިފައިގެން ގޭގެ ދޮރު ކައިރީ އަށާއި ބެލްކަނީއަށް ނުކުތެވެ.