ގދ. ތިނަދޫ ސިޓީގެ ދަރަޖައަށް ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ދިފާއުވުމަށް ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސައުދުގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި، ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. މިއަދު ހެނދުނު އިބްތިދާއީ އަޑުއެހުން ބޭއްވި މި މައްސަލައިގެ ދައުވާތައް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އާބާދީގައި 10،000 މީހުން ހަމަވާކަން ދެއްކުމުގެ ގޮތުން 2022 ސެޕްޓެމްބަރު 4 ގައި ސައުދު ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓެއް ފޮނުއްވާފަ އެވެ. އަދި އެލްޖީއޭއިން ސައްހަ ލިސްޓެއް ހުށަހެޅުމަށް އެދުމުން، 2023 އޯގަސްޓް 13 ގައި ފޮނުވި ލިސްޓުގައިވެސް އެހެން ރަށްރަށުގައި ރެޖިސްޓްރީވެފައިވާ މީހުންނާއި އެއް ނަންތަކެއް ތަކުރާރުކޮށް، އާބާދީއަކީ 10،500 މީހުން ކަމަށް ބަޔާންކޮށް އޮޅުވާލާފައިވާ ކަމަށް ޕީޖީން ބުނެ އެވެ.
މީގެއިތުރުން، ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގައި އެ ލިސްޓު ހިއްސާކޮށްދިނުމަށް އެދުމުން، އެ މައުލޫމާތު ރިކޯޑުކުރެވިފައި ނެތް ކަމަށް ބުނެ ސައުދު ފުލުހުންނަށް ދޮގު ހަދައި ތަހުގީގަށް ހުރަސްއަޅާފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.
ނަމަވެސް، މޭޔަރު ސައުދު ވަނީ މި ތުހުމަތުތައް މުޅިން ދޮގުކުރައްވާފަ އެވެ. ސައުދު ވިދާޅުވީ، މީހަކު ހުށަހަޅާ ދޮގު މައުލޫމާތަކަށް ބަލައިގެން ރަށަކަށް ސިޓީގެ ދަރަޖަ ދެވޭނެ ކަމަށް ބުނުމަކީ ތާކުންތާކު ނުޖެހޭ އަދި ހެއްވާ ކަމެއް ކަމަށެވެ. އަދި މިއީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އޭނާ މަގާމުން ދުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ ދަރަޖަ ބާތިލުކުރުމަށް ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމުގެ އިތުރުން، މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީވެސް ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. މީގެއިތުރުން، މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިންވެސް ސައުދު ސަސްޕެންޑުކޮށްފައިވާއިރު، އޭރުވެސް އޭނާ ވަނީ އެއީ ސިޔާސީ ނިޔަތެއްގައި ކުރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އީރާނުގެ ވަފުދުގެ ދެ މެންބަރަކު އެމެރިކާއިން ބޭރުކޮށްލައިފި
އެޗްޕީއެލް އިން ރާއްޖޭގައި ކުރިއަށްގެންދާ ވިޔަފާރި ފުޅާކޮށްފި
އެމާއާއި ކޮޑީގެ ކައިވެނީގެ އެންމެ ފުރަތަމަ ފޮޓޯތައް އާއްމުކޮށްފި