އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލް ބޯޑުން މިނިވަންކުރި ނިންމުން ބަދަލުކުރުމަށް ސަރުކާރުން އެންގުމާ ގުޅިގެން، އެ ނިންމުން ބާތިލުކޮށް އޭނާ އަލުން ހައްޔަރުކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލުމުގައި ބަލަންޖެހޭ ގާނޫނީ ބައެއް ކަންކަން ބަލާފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ނޫން ކަމަށެވެ.

އެހެންކަމުން އެ ނިންމުން އަލުން ރީކޮންސިޑާ ކުރުމަށް ޕެރޯލް ބޯޑަށް އެންގުމުން، ބޯޑުން އެ ނިންމުން ބަދަލުކޮށް އަބުޗާ މިއަދު ހަވީރު 16:48 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަނބުރާ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހިރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި އަބުޗާގެ މައްޗަށް އިއްވާފައިވަނީ 12.5 އަހަރުގެ ތިން ހުކުމާއެކު ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެކެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޕެރޯލްގެ ފުރުސަތު ލިބޭނީ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކުރުމުންނެވެ. އަދި އަބުޗާ ޖަލުގައި 6.5 އަހަރު ހޭދަކޮށްފައިވާތީ ގާނޫނީ ގޮތުން ޕެރޯލަށް ޝަރުތު ހަމަވި ނަމަވެސް، ބޯޑުން ނިންމުން ނިންމުމުގައި އިޖުރާއީ ގޯސްތަކެއް ހުރިކަން ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ.

އަބުޗާއަކީ މަސްތުވާތަކެތީގެ އިތުރުން ގޭންގް ރޭޕް، މާރާމާރީ، އަދި ނުރުހުމުގައި ބަދުއަހުލާގީ އަމަލު ހިންގަން އުޅުމުގެ ތުހުމަތުތަކުގައި މީގެ ކުރިންވެސް އެކި ފަހަރުމަތިން ހައްޔަރުކޮށްފައިވާ މީހެކެވެ. ފުލުހުންގެ އިސް އޮފިޝަލުން ފާހަގަކުރައްވާ ގޮތުގައި، މަސްތުވާތަކެތި ޓްރެފިކް ކުރާ ބޮޑެތި ކުށްވެރިންނާއި ގޭންގު ލީޑަރުންނަށް އަދަބު ލުއިކޮށްދިނުމާއި ޕެރޯލް ނުދިނުމަށް ފުލުހުންގެ މުއައްސަސާއިން އަބަދުވެސް ކަމާބެހޭ ފަރާތްތަކުގައި އެދެމުންދެ އެވެ.