ލޯބީގެ ގުޅުމެއް ނިމުމަކަށް އައުމަށްފަހު ވެސް، ކުރީގެ ލޯބިވެރިޔާ ސޯޝަލް މީޑިއާގައި ކުރާ ކަންކަން ބެލުމަކީ ގިނަ މީހުންނަށް ނުވިސްނި ނަމަވެސް ކުރެވޭ ކަމެކެވެ.

ނަފްސާނީ ސިއްހަތުގެ މާހިރުން ފާހަގަކުރާ ގޮތުގައި، މިއީ ހަމައެކަނި އޮންނަ އުފާވެރި ޝައުގުވެރިކަމެއް ނޫނެވެ. އޭގެ އިތުރުން ފޯމޯ (ފިއާ އޮފް މިސިންގް އައުޓް) ނުވަތަ އެކަނިވެރިކަމާއި ފޫހިކަމުގެ ސަބަބުން އަދި ގުޅުން ނިމުނު ގޮތާމެދު ސިކުނޑީގައި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދަން ކުރެވޭ ކަމެކެވެ.

ނަމަވެސް، މި އާދައިގެ ސަބަބުން ނަފްސާނީ ހަމަޖެހުން ގެއްލި، ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ އެވެ.

މި އާދައިން ސަލާމަތްވުމަށް ނަފްސާނީ ސިއްހަތުގެ މާހިރެއް ކަމަށްވާ ސުހާސް އިރުޝާދުދޭ 5 ގޮތެއް ތިރީގައި އެވަނީ އެވެ.

1. ބަލަން ހިތަށްއަރާ ސަބަބުތައް ދެނެގަތުން

އެންމެ ފުރަތަމަ ކަމަކީ އެކައުންޓަށް ވަދެވޭ ވަގުތުތަކުގައި އަމިއްލަ ނަފްސުގެ ހާލަތު ދެނެގަތުމެވެ. ގިނަ ފަހަރަށް ކުރީގެ މީހާގެ ޕްރޮފައިލް ބެލެނީ ފޫހިވާ ވަގުތުތަކުގައި، އެކަނިވެރިކަން އިހުސާސްވާ ހިނދު، ނުވަތަ ހަނދާންތަކެއް އާވާ ވަގުތުތަކުގަ އެވެ. މިފަދަ "ޓްރިގާ"ތައް ފާހަގަ ކުރެވުމުން، އެ ވަގުތު ފޯނު ނެގުމުގެ ބަދަލުގައި އެހެން ކަމަކަށް ސަމާލުކަން ދޭން ފަސޭހަވާނެ އެވެ.

2. ޕްރޮފައިލް ބެލުން އުނދަގޫ ކުރުން

މި އާދަ ހުއްޓުވުމަށް އަމިއްލަ އަޒުމަށް އެކަނި ބަރޯސާ ނުވާށެވެ. އޭގެ ބަދަލުގައި ސޯޝަލް މީޑިއާ އެޕްތަކުން އެމީހާ އަންފޮލޯ ކުރުން، މިއުޓް ކުރުން ނުވަތަ ބްލޮކް ކުރުން ފަދަ އަމަލީ ފިޔަވަޅެއް އަޅާށެވެ. އެކައުންޓް ފެންނަން އޮންނަ މަގު އުނދަގޫ ކޮށްލުމުން، ބެލުމުގެ ކުރިން ވިސްނާލަން 10 ސިކުންތުގެ ވަގުތުކޮޅެއް ސިކުނޑިއަށް ލިބިގެންދާނެ އެވެ.

3. ހޯދަން ބޭނުންވަނީ ކޮން އެއްޗެއްކަން އަމިއްލައަށް ސުވާލު ކުރުން

ޕްރޮފައިލް ހުޅުވާލުމުގެ ކުރިން މަޑުޖެހިލާފައި އަމިއްލަ ނަފްސާ ސުވާލު ކުރާށެވެ. "އަހަރެން މި ބަލަނީ ކޮން އެއްޗެއް ފެންނާނެ ކަމަށް އުންމީދު ކޮށްގެން ހެެއްޔެވެ؟" އެމީހާ ދެރަވެފައި ހުރިތޯ ބަލަން ހެއްޔެވެ؟ ނުވަތަ އެހެން މީހަކާއެކު އުޅޭތޯ ބަލަން ހެއްޔެވެ؟ ސޯޝަލް މީޑިއާއަކީ މީހެއްގެ ހަގީގީ އިހުސާސްތައް ދައްކުވައިދޭ ތަނެއް ނޫންކަމާއި، އެއިން ހަގީގީ ހަމަޖެހުމެއް ނުލިބޭނެކަން ގަބޫލު ކުރާށެވެ.

4. އެ އާދަ އެހެން އެދެވޭ ކަމަކަށް ބަދަލު ކުރުން

"ނުބަލާނަމޭ" ބުނެ ހިތާ ދެކޮޅަށް އުޅުމަކީ އުނދަގޫ ކަމެކެވެ. އޭގެ ބަދަލުގައި އެމީހާގެ ޕްރޮފައިލް ބަލާހިތްވާ ވަގުތު، ސިކުނޑި އެހެން ކަމެއްގައި މަސްއޫލު ކުރުވާށެވެ.

  • ކުރު ހިނގާލުމަކަށް ދިއުން
  • ރައްޓެއްސަކަށް ގުޅާލުން ނުވަތަ މެސެޖު ކުރުން
  • ފޮތެއް ކިޔުން ނުވަތަ ސައި/ ކޮފީއެއް ބޯލުން
  • ފޯނު 15 މިނެޓަށް އެހެން ކޮޓަރިއެއްގައި ބޭއްވުން

5. އަމިއްލަ ކުރިއެރުން އެމީހާގެ ސޯޝަލް މީޑިއާއިން ނުކިރުން

ސޯޝަލް މީޑިއާއަކީ މީހުންގެ ދިރިއުޅުމުގެ އެންމެ ރީތި މަންޒަރުތައް އެކަނި ދައްކާ ވަސީލަތެކެވެ. އެމީހާ އުފަލުގައި އުޅޭތަން ފެނުމަކީ ތިބާގެ "ހީލިންގް" ނުވަތަ ރަނގަޅުވުމުގެ މަރުހަލާ ލަސްވާ ސަބަބެއް ނޫނެވެ. ކުރީގެ ލޯބިވެރިޔާގެ އޮންލައިން ހަޔާތާ އަމިއްލަ ދިރިއުޅުން އަޅާކިއުން ހުއްޓާލައި، އަމިއްލަ ކުރިއެރުމާއި ނަފްސާނީ ހަމަޖެހުމަށް އިސްކަން ދޭށެވެ.