ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އެފަދަ އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ ދައުލަތުން އުފުުލި ގިނަ ދައުވާތައް ސާބިތުނުވާ ކަމަށް ނިންމައި، އެ މައްސަލާގައި ދައުވާ ލިބުނު މީހުންގެ ތެރެން ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވެ ޖަލަށްލުމަށް މިއަދު ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި ފަސް އަހަރު ދުވަހު ހިންގުމަށްފަހު ނިމުނު މި ޝަރީއަތުގައި ދައުލަތުންވަނީ މައްސަލައިގައި ހިމެނޭ އަށް މީހެއްގެ މައްޗަށް ޖުމްލަ ހަތް ދައުވާއެއް އުފުލާފަ އެވެ.

މި މައްސަލާގައި ކުށް ސާބިތުވެފައިވަނީ އަލީ މުނީޒާއި އަލީ އަރުހަމް މުހައްމަދާއި އަބްދުﷲ އިމާދު އަދި އިބްރާހިމް ލޫތުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ އެކި ދައުވާތައް ދައުލަތުން އުފުލާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ޝަރީއަތުން ގޮތް ނިންމިއިރު، އަބްދުﷲ އިމާދާއި އަލީ މުނީޒު އަދި އަރުހަމްގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވި އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އިމާދާއި އަރުހަމަށް ތިން އަހަރުގެ ޖަލު ހުކުމެއް އައި ނަމަވެސް، އެ ދެ މީހުން ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމުން އިތުރަށް ތަންފީޒުކުރަންޖެހޭ އަދަބެއް ނެތެވެ.

މުނީޒުގެ މައްޗަށް އިއްވި އެއް އަހަރާއި ނުވަ މަހާއި އެއް ދުވަހުގެ ޖަލު ހުކުމުގެ މުއްދަތުވެސް ބަންދު މުއްދަތުން ހަމަވެފައިވާތީ، އޭނާވެސް އިތުރަށް ޖަލުގައި ހުންނަން ނުޖެހޭ ކަމަށް ކޯޓުން ކަނޑައެޅި އެވެ. މީގެ އިތުރުން، އަރުހަމްގެ މައްޗަށް ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އައިއިރު، އިމާދާއި ލޫތުގެ މައްޗަށް ވަނީ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށް ސާބިތުވެފަ އެވެ.

މި މައްސަލާގައި ދައުލަތުން ކުރި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމާއި، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން އެފަދަ ކަމަކަށް ހިތްވަރުދިނުމުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެ ދައުވާތައް ސާބިތުނުވި މައިގަނޑު ސަބަބަކީ މައްސަލާގައި ހުށަހަޅާފައިވާ މޮބައިލް ފޯނުތަކުން ނަގާފައިވާ ޑާޓާގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިފައިވުމެވެ.

މި ހުކުމާ ގުޅިގެން އަރުހަމް ފިޔަވައި ދައުވާ ލިބުނު އެހެން އެންމެން ވަނީ ޖަލުން މިނިވަންވެފަ އެވެ. އަދި މި މައްސަލައިގެ ހުކުމް އިސްތިއުނާފު ކުރުމާމެދު، މައްސަލައިގެ ރިޕޯޓްތައް ލިބުމުން ގޮތެއް ނިންމާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

ދައުލަތުން މި މައްސަލަ ފާހަގަކޮށްފައިވަނީ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރާވައި، ތިމަރަފުށީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ބަޔަކު އައިއީޑީއެއް ތައްޔާރުކޮށް ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އަދި ފަޅު ރަށްރަށަށް ގޮސް ހަނގުރާމައިގެ އުކުޅުތައް ދަސްކޮށް، އެ ރަށުގައި ވަކި ޖަމާއަތް ހަދައިގެން ނަމާދުކޮށް ހަރުކަށި ފިކުރު ފަތުރަމުންދިޔަ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.