ޔޫއޭއީގެ ފްލައިދުބާއީ ފްލައިޓު ތެލް އަވީވަށް ވައްޓާލަން އޮމާނުގެ ކޯ-ޕައިލެޓަކު ރޭވީ އަމިއްލައަށް މަރުވުމުގެ ހަމަލާއެއް ކަމަށް ޔޫއޭއީން ބުނެފި އެވެ.

ޔޫއޭއީގެ އެޓާނީ ޖެނެރަލް ހަމަދު ސައިފް އަލް ޝަމްސީ ހުކުރު ދުވަހު ވިދާޅުވި ގޮތުގައި، ސެޕްޓެމްބަރު 30 ވަނަ ދުވަހު ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައިޓުގެ ކޯ-ޕައިލެޓް، އެ ބޯޓުގެ ކޮންޓްރޯލް އަތުލައި އިޒްރޭލުގެ ބެން ގޫރިއަން އެއާޕޯޓުގެ ޓާމިނަލަކަށް ވައްޓާލަން މަސައްކަތް ކުރި އެވެ. ނަމަވެސް، ބޯޓުގެ ކެޕްޓަން ވަނީ މި ހަމަލާ ހުއްޓުވާފަ އެވެ.

އެޓާނީ ޖެނެރަލްގެ ބަޔާނުގައި ފްލައިދުބާއީގެ އެއްވެސް އިހުމާލެއް އޮތް ކަމަށް ފާހަގަކޮށްފައެއް ނުވެ އެވެ. މިއީ ހާދިސާއާ ގުޅިގެން ޕްރޮސެކިއުޓަރުން މިހާތަނަށް ހާމަކުރި އެންމެ ތަފްސީލީ މައުލޫމާތެވެ.

އޮކްޓޯބަރު 1 ވަނަ ދުވަހު ފެށި ޖިނާއީ ތަހުގީގަށް ފާހަގަވި ގޮތުގައި، މި ރޭވުމަކީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި އެމެރިކާއަށް ދިން ހަމަލާތަކުން އިންސްޕިރޭޝަން ހޯދައިގެން ރާވާފައިވާ ކަމެކެވެ. ޔޫއޭއީގެ ދައުލަތުގެ މީޑިއާ، ވާމް އިން ރިޕޯޓްކުރި ގޮތުގައި، ތުހުމަތު ކުރެވޭ މީހާ މީގެ ކުރިން ތެލް އަވީވަށް ކުރި ދެ ދަތުރެއްގައި، ދަތުރުގެ މަގާއި އެއާޕޯޓުގެ މައުލޫމާތު ވަނީ ދިރާސާކޮށްފަ އެވެ.

މި ހާދިސާ ހިނގީ ބޯޓު ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދުގައި އޮއްވަ އެވެ. ކޯ-ޕައިލެޓް ވަނީ ކޮކްޕިޓުގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރަން ބަހައްޓާފައި ހުންނަ ކުޑަ ކޯރާޑިއަކުން ކެޕްޓަނަށް ހަމަލާދީފަ އެވެ. މި ކުރިމަތިލުމުގެ ތެރޭގައި ބޯޓު ވަނީ 30 ސިކުންތުގެ ތެރޭގައި 16،000 ފޫޓަށް ތިރިއަށް ގޮސްފަ އެވެ. ނަމަވެސް، ހަމަލާދިން މީހާ ކޮންޓްރޯލްކޮށް، ބޯޓުގައި ތިބި އެހެން ދެ ޕައިލެޓުންގެ އެހީތެރިކަމާއެކު ބޯޓު ވަނީ ސަލާމަތްތެރިކަމާއެކު ސައުދީ އަރަބިއްޔާއަށް ޖައްސާފަ އެވެ. އެއަށްފަހު ތުހުމަތު ކުރެވޭ މީހާ ވަނީ ޔޫއޭއީއާ ހަވާލުކޮށްފަ އެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ފްލައިދުބާއީގެ ވަޒީފާއަށް މީހުން ހޮވާ މިންގަނޑުތައް ބެލިބެލުމުން އެނގުނު ގޮތުގައި، ތުހުމަތު ކުރެވޭ މީހާ ވަނީ ޕައިލެޓް ލައިސަންސާއި ކުށުގެ ރެކޯޑު ސާފުކަމުގެ ލިޔުން ހިމެނޭހެން ހުރިހާ ފަންނީ އަދި ސަލާމަތީ ޝަރުތުތަކެއް ފުރިހަމަކޮށްފަ އެވެ. "އެހެންނަމަވެސް، އޭނާގެ ހަރުކަށި ފިކުރު ނުވަތަ ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ނިޔަތް އެއްވެސް މަރުހަލާއެއްގައި ފާހަގަކުރެވިފައެއް ނުވޭ،" އަލް ޝަމްސީ ވިދާޅުވި އެވެ.

އުމުރުން 29 އަހަރުގެ މި މީހާ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ފްލައިދުބާއީއާ ގުޅުމުގެ ކުރިން އޮމާން އެއާ ފަދަ އެކި ގައުމުތަކުގެ އެއާލައިންތަކުގައި މަސައްކަތް ކޮށްފައިވެ އެވެ.

ޔޫއޭއީގެ އޮފިޝަލުން އޭނާގެ ވަނަވަރު ހާމަނުކުރި ނަމަވެސް، އޭނާއަކީ އޮމާންގެ ރައްޔިތެއް ކަމަށްވާ ހައްމާމް އަލް-ހައްމާމީ އެވެ.

އަލް ޝަމްސީ ވިދާޅުވި ގޮތުގައި، ތުހުމަތު ކުރެވޭ މީހާ ވަނީ މި ހަމަލާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތައްޔާރުވުމަށްޓަކައި ޓެރަރިޒަމަށް ހިތްވަރުދޭ ވީޑިއޯތައް ބަލައި، ބޮކްސިން ތަމްރީނުތައް ހޯދާފައިވާ ކަމަށް އިއުތިރާފުވެފަ އެވެ.

މި ހާދިސާއާ ގުޅިގެން ސައުދީ އަރަބިއްޔާއިން ވެސް ވަނީ ފްލައިޓް FZ1073 އާ ގުޅޭ ވަކި ސަލާމަތީ ތަހުގީގެއް ފަށާފަ އެވެ.