އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރަން ގައިސަރު ނަސީމް ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން އިސްތިއުފާ ދީފި އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން ގައިސަރު މިއަދު ވިދާޅުވީ 23 އަހަރުގެ ހިދުމަތަކީ އެކަށީގެންވާ ދިގު މުއްދަތެއް ކަމަށެވެ. އަދި ރިސޯޓެއްގައި ވަޒީފާ އަދާކުރަން ޖެހުމުން އަމިއްލަ ވިޔަފާރިއަކަށް ވެސް ވަގުތު ނުދެވުމާއި އާއިލާއާއެކު ވަގުތު ހޭދަކުރަން ދަތިތަކެއް ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާސިމާ ވެސް ވާހަކަދެއްކުމަށްފަހު އިސްތިއުފާ ދޭން ނިންމީ. ވަކިވާން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ އަމިއްލަ ވިޔަފާރިއަށް ވަގުތު ހުސްކުރަން ވެގެން،" ގައިސަރު ވިދާޅުވި އެވެ. "ރިސޯޓުގައި ހުރެގެން އަމިއްލަ ވިޔަފާރިއެއް ނުކުރެވޭނެ. އަދި ކުންފުނީގެ ޕޮލިސީ އޮންނަ ގޮތުން ވެސް އެ ދާއިރާއާ ގުޅުންހުރި ވިޔަފާރިއެއް ވެސް ނުކުރެވޭ."

އޭނާ ވިދާޅުވީ މިދިޔަ އަހަރު ވެސް ވަޒީފާއިން ވަކިވާން ނިންމި ކަމަށެވެ. ނަމަވެސް އޭރު ކޮވިޑްގެ ހާލަތު އޮތް ގޮތުން ރިސޯޓު ދޫކޮށްލަން ބޭނުން ނުވީ ކަމަށް ވެސް ގައިސަރު ވިދާޅުވި އެވެ.

"މިދިޔަ އަހަރު ކޮވިޑަށް ރިސޯޓު ބަންދުކުރުމަށްފަހު މަރާމާތުގެ ބޮޑެތި މަސައްކަތްތަކެއް ވެސް ކުރިން. އަދި ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވުމުން ވެސް އޮޕަރޭޝަނަށް ބުރުލެއް ނާންނަ ގޮތަށް ރާވައިގެން ހިންގީ،" އޭނާ ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ ގައިސަރުއަށް ވަނީ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް ލިބިވަޑައިގެންފަ އެވެ. ގައިސަރަށް އެވޯޑު ލިބިވަޑައިގަތީ ދުނިޔޭގެ އެކި ބައްރުތަކުގައި މަސައްކަތް ކުރާ މަޝްހޫރު ހޮޓެލް ބްރޭންޑްތަކުގެ ޖެނެރަލް މެނޭޖަރުންނާ ވާދަކުރައްވައިގެންނެވެ.

ގައިސަރު ޕެރަޑައިސްގެ ޖެނެރަލް މެނޭޖަރުކަމާ ހަވާލުވީ 2011 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން ނޮވެމްބަރު 2017 އިން ފެށިގެން އޭނާ ވިލާ ހޮޓެލް އެންޑް ރިސޯޓްގެ ގުރޫޕް ޖެނެރަލް މެނޭޖަރުކަން ވެސް ކުރެއްވި އެވެ.

އޭގެ ކުރިން ގައިސަރު ވަނީ ވިލާ ހޮޓެލްސް އިން ހިންގާ ރޯޔަލް އައިލެންޑް ރިސޯޓު އެންޑް ސްޕާގައި ރެސިޑެންޓް މެނޭޖަރު ކަން ވެސް ކުރައްވައިފަ އެވެ.