އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ލިސްޓުގައި ހިމެނިވަޑައިގެންނެވި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަ ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުން ވަކިކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ކޮމިޓީ ހިމެނޭ ސަބް ކޮމިޓީން ދިރާސާކޮށް އެކުލަވާލި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ރިޕޯޓްގައި 281 ބޭފުޅެއްގެ ނަން ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި 119 ބޭފުޅެއް ހިމެނެ އެވެ. އަދި އެމްޑީޕީއާއި ޕީޕީއެމް އަށް ނިސްބަތްވާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރެއް ވެސް ލިސްޓުގައި ހިމެނެ އެވެ. އެ ލިސްޓު މަޖިލީހުން ވަނީ އާއްމުކޮށްފަ އެވެ.

އާއްމުކުރި ލިސްޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން މިވަގުތު މަގާމުތަކުގައި ތިއްބެވީ ވަރަށް މަދު ބޭފުޅުންނެވެ. މިނިސްޓަރުންގެ ތެރެއިން ލިސްޓްގައި ނަން އޮތީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އެކަންޏެވެ. އަދި ސްޓޭޓް މިނިސްޓަރުންގެ ތެރެއިން ޕްލޭނިން މިނިސްޓްރީގެ އަކްރަމް ކަމާލުއްދީންނެވެ. ދެން ލިސްޓުގައި ހިމެނިވަޑައިގަންނަ ވަނީ ސަލާމަތީ ހިދުމަތްތަކުގެ ބައެއް އޮފިސަރުންނާއި ބައެއް މަޖިލިސް މެންބަރުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ކޮރަޕްޝަން ބަލައި އިންސާފު ގާއިމުކުރުމަށް ރައީސް ސޯލިހް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ކޮމިޝަނެއް އުފައްދަވާ އެ ކޮމިޝަންގެ މަސައްކަތްތަކާއެކު ދެން އަޅުއްވާނެ ފިޔަވަޅުތައް މާކުރިން ފެށިގެން ނިންމަވާފައިވާ ކަމަށެވެ.

ކޮމިޝަންގެ މަަސައްކަތްތައް ހަލުވި ކުރެވި ވީހާވެސް އަވަހަށް އެ މައްސަލަތައް ނިންމުމަކީ ރައީސް ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމެއް ކަމަށާ އެ ކޮމިޝަންގެ މަަސައްކަތްތައް ވަރަށް ގާތުން ރައީސް ބައްލަވަމުން ގެންދަވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބުރޫކް ވިދާޅުވީ ކޮމިޝަންގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށް ފޮނުވުމުން އެ މައްސަލާގައި ދައުވާ ކުރުމާމެދު ޕީޖީން ގޮތްތަކެއް ނިންމުމާ އެކު އެ ބޭފުޅަކާ މެދު ރައީސް ފިޔަވަޅު އަޅާނެ ކަމަށެވެ.

ރިޔާސީ ކޮމިޝަނެއް ކަމަށްވާ އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކުރި ލިސްޓް މަޖިލީހާ ހިއްސާ ކުރުމުން އެ ލިސްޓް މަޖިލީހުން އާންމު ކުރި ގޮތާމެދު އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެއީ މަޖިލީހުން ގާނޫނުތަކާއި ހިލާފަށް ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއް ކަމަށްވެސް ބައެއް މެންބަރުން ދެކެ އެވެ.

އެކަމާ ގުޅޭގޮތުން މަބުރޫކް ވިދާޅުވީ ކޮމިޝަންގެ ހޯދުންތައް ހިއްސާކޮށް ދިނުމަށް މަޖިލީހުން އެދިވަޑައިގަތުމުން ހުރިހާ މައުލޫމާތެއް ހިއްސާކުރެއްވުމަށް ރައީސް އެންގެވި ކަމަށެވެ. އަދި އެ މައުލޫމާތު ސަރުކާރުން ހިއްސާކޮށްފައިވަނީ މަޖިލީހުގެ ކޮމިޓީއާ ކަމަށެވެ.