ޗައިނާގައި މަޝްހުރުވަމުން އަންނަ ތީމު ޕާކްގެ ވިޔަފާރީގެ ތެރެއަށް އިތުރު ކޮށްލެވޭ ބޮޅެއްގެ ގޮތުން، މަޝްހޫރު "ޓައިޓޭނިކް"ގެ އަސްލާ އެއްގޮތް ކޮޕީއެއް ހެދުމުގެ މަސައްކަށް ޗައިނާގެ މަހުޖަނަކު ފަށައިފި އެވެ.

ޓައިޓޭނިކަކީ 1912 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ބަނދެވުނު ޕަސެންޖަރުން އުފުލާ ލަގްޒަރީ ބޯޓެކެވެ. އެ ބޯޓު ބަނުމަށް ބޭނުންކުރި ކުރިއަރާފައިވާ އިންޖިނިއަރިންގެ ވަސީލަތްތަކާއެކު އެ ޒަމާނުގައި މަޝްހޫރުވެފައި އޮތީ ނުފެތޭނެ ބޯޓެއްގެ ގޮތުގަ އެވެ. ނަމަވެސް ނަސީބު ދިމާ ކުރިގޮތުން ބޯޓުގެ ފުރަތަމަ ދަތުރުގައި އެޓްލާންޓިކް ކަނޑުގައި އައިސް ގަނޑެއްގައި ޖެހި ބޯޓު ދެބުރިވެ ވަނީ ފެތިފަ އެވެ. މި ހިތާމަވެރި ތާރީޚީ ހާދިސާގައި ބޯޓުން ދަތުރު ކުރި 1،500 އަށް ވުރެ ގިނަ މީހުން ވަނީ ޣަރަގުވެގެން މަރުވެފަ އެވެ.

ޓައިޓޭނިކްގެ ހިތާމަވެރި ހަނދާންތައް ފިލްމެއްގެ ސިފައިގައި 1997 ގައި ހޮލީވުޑުން ނެރުން ވެގެން ދިޔައީ ފަހުގެ ޖީލުތަކާ ހަމަޔަށް މި ތާރީޚީ ހާދިސާ ގެނެސް ދިނުމުގައި ބޮޑު އެހީ އަކަށެވެ.

ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ސޫ ޝައޮޖުންއަކީ އަސްލު ޓާއިޓޭނިކާއި ޓައިޓޭނިކް ފިލްމުގެ ވެސް ވަރަށް ބޮޑު ފޭނެކެވެ. އެހެންކަމުން މީގެ އަހަރު ތަކެއް ކުރިން ސޫ ވަނީ އަސްލު ޓައިޓޭނިކް އާއި ހުރިހާ ގޮތަކުން ވެސް އެއްގޮތް ބޯޓެއް ބަނުމުގެ މަޝްރޫއެއް އިއުލާން ކޮށްފަ އެވެ. ބޭނުމަކީ ޓައިޓޭނިކްގެ ހަނދާންތައް ދަމަހައްޓައި، އާލާ ކުރުމެވެ. 260 މީޓަރުގެ ދިގުމިނުގެ މި ބޯޓު ވެގެންދާނީ ސިޗުއާން ޕްރޮވިންސްގެ ރޯމަންޑިސީ ތީމް ޕާކަށް ޒިޔާރަތްކުރާ ފަރާތްތައް ހިތް އުފާ ކޮށްލުމަށްޓަކައި ލިބޭނެ އިތުރު ވަސީލަތަކަށެވެ. މި ޕާކަށް ޒިޔާރަތްކުރާ މެހްމާނުންނަށް ދުވާލަކަށް 2،000 ޔުއާންގެ ރޭޓުން މި ބޯޓުގައި އަރާމުކޮށްލަން މަޑުކޮށްލުމުގެ ޚިދުމަތް ލިބޭނެ އެވެ.

ޗައިނާގައި ބަންނަ ޓައިޓޭނިކް

ސޫ ބުނާ ގޮތުގައި އަސްލު ޓައިޓޭނިކްގައި ހުރި ފަދަ ބަރާބަރަށް މަސައްކަތްކުރާ ސްޓީމް އިންޖީނު ވެސް މި ބޯޓުގައި ހުންނާނެ އެވެ. އެހެންކަމުން ބޯޓު ކަނޑުގައި ނުދުއްވި ކަމުގައި ވިޔަސް މެހްމާނުންނަށް ބޯޓުން ހަގީގީ ޓައިޓޭނިކްގައި ތިބެވޭކަމުގެ އިހުސާސްވަރަށް ބޮޑަށް ކުރެވޭނެ އެވެ. ޗައިނާއިން މިހަދާ ޓައިޓެނިކް ކަނޑަށް ބޭލުމުގެ ބަދަލުގައި އޮންނާނީ ބޯޓު އޮންނަން ހަމަޖެހިފައިވާ ތީމް ޕާކާ ގުޅިފައިވާ ކޯރެއްގަ އެވެ.

ހަގީގީ ސައިޒުގެ ޓައިޓޭނިކްގެ ކޮޕީ ވެގެންދާނީ ޗައިނާގައި ހަލުއިކަމާއެކު ކުރިއަރަމުންދާ ތީމް ޕާކް ވިޔަފާރިއަށް ލިބިގެންދާ އިތުރު ކުރިއެރުމަކަށެވެ. ޗައިނާ އަކީ ތީމްޕާކްގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ ގައުމެވެ. ޗައިނާގެ ތީމް ޕާކްތަކަށް 2020 ވަނަ އަހަރު 230 މިލިއަން މީހުން ޒިޔާރަތް ކޮށް 12 ބިލިއަން ޑޮލަރުގެ ވިޔަފާރިކުރި ކަމަށް އަންދާޒާ ކުރެވެ އެވެ.

ޗައިނާގައި ބަންނަ ޓައިޓޭނިކްގެ މަސައްކަތްކުރިޔަށް ދަނީ.

ސޫ ގެ ޓައިޓޭނިކް ނިންމަން އޮތީ 2019 ވަނަ އަހަރު ކަމަށް ވީނަމަވެސް ކޮރޯނާ ވައިރަސް ޕެންޑެމިކާ ހެދި މަސައްކަތް ވަނީ މަޑުޖެހިފަ އެވެ. ނަމަވެސް މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް މަޝްރޫއު ހިންގާ ފަރާތްތަކުން ބުނެ އެވެ.

ސޫ އުންމީދުކުރާގޮތުގައި މި ބޯޓުގެ ސަބަބުން އެ ތީމް ޕާކަށް އަހަރަކު ފަސް މިލިއަން މީހުން ޒިޔާރަތް ކުރާނެ އެވެ. ސޫ ގަބޫލު ކުރާގޮތުގައި މި ބޯޓު 100 ނުވަތަ 200 އަހަރު ވަންދެން ޕާކްގައި ހުންނާނެ އެވެ.