ލޯބީގެ ގުޅުންތަކާއި ކައިވެނިތަކުގައި ދިމާވާ މައްސަލަތަކާއި ހިތްހަމަނުޖެހުންތަކަކީ އިންސާނީ ދިރިއުޅުމުގެ ހިއްސާ އެކެވެ. ނަމަވެސް ގުޅުން ހީނަރުވަމުންދާ ވަގުތު އެކަންކަން ރަނގަޅުކޮށް، ގުޅުން ސަލާމަތް ކުރެވިދާނެބާ އެވެ؟

ނަފްސާނީ މާހިރުންގެ ހޯދުންތަކަށް ބިނާކޮށް ގުޅުމެއް ސަލާމަތް ކުރުމަށް އެހީވެދޭ ބައެއް ކަންކަން ބީބީސީގެ ރިޕޯޓެއްގައި ވަނީ ފާހަގަ ކޮށްފަ އެވެ.

1. ހިޔާލު ތަފާތުވުންތަކަކީ ނުވެ ނުދާނެ ކަމެއް، މުހިއްމީ މުއާމަލާތްކުރާ ގޮތް!

ދިރާސާތަކުން ދައްކާގޮތުގައި އުފާވެރި ދިރިއުޅުމެއް އުޅޭ ދެމަފިރިންގެ މެދުގައިވެސް ފައިސާގެ މައްސަލަތަކާއި، ކުދިން ތަރުބިއްޔަތު ކުރުމާއި އަދި ގޭތެރޭގެ މަސައްކަތްތައް ބަހާނެ ގޮތް ފަދަ ތަކުރާރުވާ މައްސަލަތައް ދިމާވެ އެވެ. އެހެންކަމުން، މައްސަލައަކަށްވަނީ ހިލާފު އުފެދުމެއް ނޫނެވެ. ނަމަވެސް އެ ހިލާފުތައް ހައްލު ކުރުމުގައި އެކަކު އަނެކަކާ މުއާމަލާތްކުރާ ގޮތެވެ.

2. ގުޅުމަށް ނުރައްކާވާ އާދަތަކުން ދުރުހެލި ވާންޖެހޭ

ނަފްސާނީ މާހިރުން ފާހަގަކުރާ ގޮތުގައި، ގުޅުމެއް ހަލާކު ވެގެންދަނީ މައިގަނޑު ހަތަރު ކަމެއްގެ ސަބަބުންނެވެ.

  • ފާޑުކިޔުން: އަނެކާގެ އުނި ސިފަތަކަށް އެކަނި ބަލައި، ކުށްވެރި ކުރުން.
  • ދަށް ކޮށްލައި ހުރުމަތް ކެނޑުން: އަނެކާ ބަލިކަށި ކޮށްލައި މަލާމާތް ކުރުން (މިއީ ގުޅުން ހަލާކުކޮށްލާ އެންމެ ނުރައްކާތެރި ސިފަ އެވެ).
  • ދިފާއުވުން: ކުށެއް ކުރެވުމުން އެކަން ގަބޫލު ކުރުމުގެ ބަދަލުގައި، އަބަދުވެސް ބަހަނާ ދައްކައި ކުށް އަނެކާގެ ބޮލުގައި އެޅުވުން.
  • މޫނު އަނބުރާލުން / އެކަރިވުން: މައްސަލައެއް ޖެހުމުން ވާހަކަ ނުދައްކައި، މުއާމަލާތް ކުރުން މުޅިން ހުއްޓާލުން.

މި ހަތަރު ސިފައަކީ ގުޅުމަކަށް ނުރައްކާތެރި އާދަތަކެއް ކަމުގައިވީ ނަމަވެސް، ބައިވެރިން ބޭނުން ވެއްޖެނަމަ ރަނގަޅު ކުރެވޭނެ ކަންކަން ކަމަށް މާހިރުން ވިދާޅުވެ އެވެ.

3. ކުދިކުދި ކަންކަމަށް އަޅާލުމާއި ޝުކުރުވެރިވުން

ގުޅުމެއް ވަރުގަދަ ކުރުމަށްޓަކައި ބޮޑެތި ކަންތައްތަކެއް ކުރާކަށް ނުޖެހެ އެވެ. އެހެނެއްކަމަކު އާއްމު ދިރިއުޅުމުގައި ބައިވެރިޔާއަށްޓަކައި ކުރެވޭ ކުދިކުދި ކަންކަމުން ވެސް އޭނާއަށްޓަކައި އޮންނަ ލޯބި ހާމަވެގެންދެ އެވެ.

  • އަޑު އެހުން: މައްސަލައެއް ދިމާވާއިރަށް ހައްލު ހޯދައިދިނުމަށް އަވަސްވެގަތުމަށްވުރެ ބޮޑަށް، އަނެކާގެ އިހުސާސްތައް ދެނެގަނެ، އެކުގައި ހައްލު ހޯދަން މަސައްކަތް ކުރުން މުހިންމެވެ.
  • ގަދަރު ކުރުން: އަނެކާ ކޮށްދޭ ކުދިކުދި ކަންކަމަށްވެސް ޝުކުރުވެރިވުމާއި އޭނާގެ ކާމިޔާބީތައް ފާހަގަކޮށް އުފާ ފާޅުކުރުމަކީ ގުޅުމަށް ދިރުން ގެނެސްދޭ ކަމެކެވެ.

4. ތެރަޕީގެ އެހީގައި ގުޅުން އަލުން އާރޯކުރުން

ގުޅުން ގޯސްވެ، އެކަކު އަނެކަކަށް އޮންނަ ހަމްދަރުދީ ކެނޑިފައިވާ ހިސާބަށް ދިޔަ ނަމަވެސް، ކަޕްލްސް ތެރަޕީގެ އެހީގައި ގުޅުން ސަލާމަތް ކުރެވޭކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ. ތެރަޕީގެ ސަބަބުން ވާހަކަ ދެއްކުމުގެ ހުނަރު ރަނގަޅުވެ، މައްސަލަތަކާމެދު ވިސްނާ ގޮތް ބަދަލު ވެގެންދެ އެވެ.

ލޯބީގެ ގުޅުމެއްގައި ދަތިތަކާއި ހިތްހަމަނުޖެހުންތައް ކުރިމަތިވުމަކީ އާންމު ކަމެކެވެ. ނަމަވެސް އެކަންކަމާ ކުރިމަތިލާން ޖެހޭނީ ހަރުދަނާ އުސޫލުތަކެއްގެ މަތިން، އިހުތިރާމާއި ލޯތްބާއެކުގަ އެވެ.

ގުޅުމެއް ސަލާމަތް ކުރުމަށް ދެމީހުންގެ ކިބައިގައިވެސް ނިޔަތާއި ހިތްވަރު ހުރެއްޖެނަމަ، ކޮންމެ މައްސަލައަކަށްވެސް ހައްލެއް ހޯދޭނެ އެވެ.