ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 99 އަހަރަށް ބިން ދޫކުރުމުގެ ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރަން ރޭ ތާވަލުކުރި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ރަސްމީ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްވެއްޖެ އެވެ.

އެ ބައްދަލުވުމުގައި އެޖެންޑާކޮށްފައި ވަނީ ޕާލް ރެސިޑެންސީ އަދި ރަސްމާލެ ޕްރޮޖެކްޓާ ބެހޭގޮތުން ބަންޑާރަނައިބު އަހްމަދު އުޝާމްގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި މައުލޫމާތު މެންބަރުންނާ ހިއްސާކުރުމާއި، އެކަމާ މެދު މަޝްވަރާކުރުމެވެ.

ރަސްމީ ބައްދަލުވުން ބޭއްވޭގޮތް ނުވި ނަމަވެސް، އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ރޭ ބާއްވައި ޓައުންޝިޕް ކޮންސެޕްޓާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ %90 މެންބަރުން، ރާއްޖޭގައި ޣައިރު މުސްލިމުން ވަޒަންވެރިވެ ދިރިއުޅުމުގެ ފުރުސަތު ދިނުމާ ދެކޮޅު ހަދާފައިވާ ކަމަށް އެ ޕާޓީގެ މެންބަރަކު ކިޔައިދިނެވެ.

މި ކަމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.

ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކުމަށްފަހު، އެތަނުން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދިނުމުގެ ކޮމާޝަލް ޓާމްސްގައި 21 ސެޕްޓެމްބަރުގައި ވަނީ ކުއްލި ގޮތަކަށް ސޮއިކޮށްފަ އެވެ.

އެއަށްފަހު އީގަލް ހިލްސް ކުންފުނީގެ ހަރަދުގައި އެކި މީޑިއާތަކުގެ ނޫސްވެރިން ސިއްރިއްޔާތުގައި ރާއްޖެއިން ބޭރަށް ފޮނުވައި، އެ މަޝްރޫއަށް ތާއީދުކޮށް ނޫސްތަކުގައި ލިޔުންތައް އަންނަނީ ޝާއިއުކުރަމުންނެވެ.