ގާނޫނުލްއުގޫބާތު އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން، ދައުލަތުގެ ވެރިން ކުށްވެރިވާ ގޮތަށް ފަރުމާކުރެވިފައިވާ ހުތޫރަތްތެރި ބިލެއް ކަމަށް ގާނޫނުލްއުގޫބާތު ފަރުމާކުރުމުގައި އިސްކޮށް އުޅުއްވި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ގަތުލްއާންމާއި އެކަމަށް ގޮވާލުމާއި ދައުލަތަށް ހިޔާނާތްތެރިވުން އަދި އިގުތިސޯދަށް ގެއްލުންދިނުން ޖިނާއީ ކުށަކަށް ހަދަން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ސްޕޮންސާކުރައްވައި ހުށަހެޅުއްވި މި ބިލުގެ މަސައްކަތް މަޖިލީހުގައި ފަށަން ތާވަލުކޮށްފައިވާއިރު، ބިލާ މެދު ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.
ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވާ ގޮތުގައި ގަތުލްއާންމުގެ ކުށް ހިމަނަނީ 1984 ގައި ރާއްޖެއިން ބައިވެރިވި ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ލާޒިމްކުރާތީ އެވެ. ނަމަވެސް ޝަމީމް ވިދާޅުވާ ގޮތުގައި ބިލުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލްތަކުގެ އިހްތިސާސް ނެތުމުން އެ މުއާހަދާގެ މަގުސަދު ހާސިލެއް ނުވެ އެވެ.
މީގެއިތުރުން މި ދަނޑިވަޅުގައި މި ބިލު ގެންނާތީ، ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއާ މިކަން ގުޅުވައިގެން ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެ އެވެ.
ޝަމީމްގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި، ކުށުގެ ދަރަޖަކުރުމާއި ފަރުމާކޮށްފައިވާ ގޮތުން ބިލުގެ ނިޔަތާމެދު ސުވާލު އުފެދެ އެވެ. އެގޮތުން ގަތުލްއާންމަށް ގޮވާލުމުގެ ކުށުގައި ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި މެންބަރުން ފަދަ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޖިނާއަތުގެ އެއްވަނަ ދަރަޖައިން ކުށްވެރިވާގޮތަށް އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އިގުތިސޯދަށް ގެއްލުންދިނުމުގެ ކުށުގެ އަމަލު އޮތް ގޮތުން ދައުލަތުގެ ވެރިންނަށް އެކަން ކުރެވޭ ފަދަ ގޮތަކަށް އޮތުން އޭނާ ފާހަގަކުރެއްވި އެވެ.
ދައުލަތުގެ ވެރިންނަށް ގާނޫނީ ހިމާޔަތް އޮންނަންޖެހޭނެ ކަމަށާއި، ކޮންމެ އަމަލަކީ ޖިނާއީ ކުށަކަށް ވެދާނެ ފަދަ ގޮތަކަށް ލިޔުމުން އެކަށީގެންނުވާ ބިރުވެރިކަމެއް އުފެދި، ރައްޔިތުން ހަވާލުކޮށްފައިވާ މެންޑޭޓު ފުރިހަމައަށް އަދާކުރުމަށް ހުރަސްއެޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑަކޯޓާއާއި އެމްޖީކޭގެ ލޯބީގެ އަޑުތައް އަނެއްކާ ވެސް ގަަދަވެއްޖެ
ރޫޅެމުންދާ ގުޅުމެއް ނުވަތަ ކައިވެންޏެއް ސަލާމަތް ކުރާނީ ކިހިނެއް؟
ރޭޕް މައްސަލަ މުވައްޒަފަކަށް ސާބިތުވާނަމަ ފިޔަވަޅު އަޅާނެ: ވެމްކޯ