ޓެކްސް ދައްކާ ފަރާތްތަކުން އެޕީލްކުރުމުގެ ކުރިން، އިއުތިރާޒުކުރާ އަދަދުގެ 100 ޕަސެންޓް ދައްކަންޖެހޭ ހާލަތްތައް ކަނޑައެޅުމަށްޓަކައި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި ބަހުސް ފަށައިފި އެވެ.

ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު ބޭނުމަކީ، މީރާއިން ކަނޑައަޅާ ޓެކްސްގެ އަދަދާމެދު އިއުތިރާޒުކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ހާލަތްތަކުގައި، މައްސަލަ ހުށަހެޅުމުގެ ކުރިން ފައިސާ ދައްކަންޖެހޭ އުސޫލުތައް ސަރީހަކޮށް ކަނޑައެޅުމެވެ. އެގޮތުން ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅާ އަދަދާމެދު މައްސަލަ އިސްތިއުނާފު ކުރެވޭނީ އިސްތިއުނާފުކުރާ އަދަދުގެ 50 ޕަސެންޓާ އެއްވަރުގެ އަދަދެއް ދައްކައި ނިންމުމަށްފަހުގައި ކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު، އިއުތިރާޒުކުރާ އަދަދުގެ 100 ޕަސެންޓް ދައްކަންޖެހޭ ހާލަތްތަކުގެ ތަފުސީލު ވެސް ބިލުގައި ހިމަނާފައިވެ އެވެ.

ނަމަވެސް މީރާއިން ކަނޑައަޅާ އަދަދުގެ ނަތީޖާއަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ކުރިއަށް ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭނެ ގެއްލުމުގެ އަދަދު ކުޑަވުން ކަމަށްވާނަމަ، އެ މައްސަލަ ހައްލުކުރުމަށް މީރާއަށް އިތުރު އަދަދެއް ދައްކަން ނުޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މި ބިލު ގާނޫނަކަށްވެ ގެޒެޓުގައި ޝާއިއުކުރާ ހިސާބުން އަމަލުކުރަން ފަށާއިރު، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާއި ގަވާއިދުތައް 90 ދުވަހުގެ ތެރޭގައި އެކުލަވައިލައި ގެޒެޓުކުރަންޖެހޭނެ އެވެ.