ރައްޔިތުންނަށް އަސާސީ ބޭސްފަރުވާއާއި އެހެނިހެން ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާއިރު، ޓެކްސް އިދާރީ ގާނޫނަށް ގެންނަ އިސްލާހާ މެދު އިދިކޮޅު މެންބަރުން އުފެއްދެވި ސުވާލުތަކަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުﷲ، ސިޔާސީ ގޮތުން ރައްދު ދެއްވައިފި އެވެ.
ޓެކްސް ދައްކާ ފަރާތްތަކުން މީރާގެ ނިންމުންތައް އެޕީލްކުރުމުގެ ކުރިން، އިއުތިރާޒުކުރާ އަދަދުގެ 50 ޕަސެންޓް ފައިސާ ދައްކަންޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސްގައި އިދިކޮޅު މެންބަރުން ވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ކުރާ ކަންކަމާ މެދު ސުވާލު އުފައްދަވާފަ އެވެ. އެގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ، ރައްޔިތުންނަށް އަސާސީ ބޭސް ނުލިބި ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވައިފަ އެވެ. އަދި ޓެކްސް ގާނޫނަށް އަވަސް އަވަހަށް ބަދަލު ގެނައުމުން ވިޔަފާރިވެރިންގެ އިތުބާރު ގެއްލޭނެ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
ނަމަވެސް އިދިކޮޅު މެންބަރުންގެ މި ކަންބޮޑުވުންތަކަށް ސަރީހަ ޖަވާބެއް ދެއްވުމުގެ ބަދަލުގައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ކުރީގެ ސަރުކާރުތަކުން ދައުލަތުގެ ފައިސާއިން އަމިއްލައަށް މުއްސަނދިވި ކަމަށް ތުހުމަތުކުރައްވައި ސިޔާސީ ރައްދެއް ދެއްވާފަ އެވެ. އެއީ ކޮން ބަޔެއްކަން ހާމަނުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުން ކުރަނީ އެ ބޭފުޅުން ބަނގުރޫޓުކޮށްލި އިގުތިސާދު ކޮޅަށް ޖެހުމުގެ މަސައްކަތް ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ފައިސާ ހޯއްދަވައިގެން އެކި ބޭފުޅުން ކުރައްވާނީ އެކި ކަންކަމޭ. އެއްބައި ބޭފުޅުން މި ކުރައްވާ ކަމަކީ އެ ބޭފުޅުންގެ އަމިއްލަ ޖީބު ބޮޑުކުރައްވަނީ، އަމިއްލަ ކުންފުނިތައް މުއްސަނދި ކުރައްވަނީ. އެ ފައިސާއިން އެ ކަންކަން އެ މަގަށް ކުރީމާ މިއަދު ސަލާމަތުން އޮތް ގައުމެއް އަޅުގަނޑުމެންނަށް މި ލިބުނީ. އެއީ ރައްޔިތުންނާއި ގައުމަށް ޓެކްސް ފައިސާ ހޯދައިގެން މި ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ދައުލަތުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަން އިތުރުވެ، ބައިނަލްއަގުވާމީ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ދަށްވެފައިވާ ކަމުގެ ކަންބޮޑުވުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ފާޅުކޮށްފައިވާއިރު، ރައްޔިތުންގެ އަސާސީ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމުގެ ބަދަލުގައި މަޖިލީހުގެ ތެރެއިން ސިޔާސީ އިލްޒާމުތައް އަޅުވަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.
އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް 95،000 ރުފިޔާއަށް ބޮޑުކުރަނީ
ތަރުކާރީ ކާން ދަރިންނަށް ބާރުއަޅައި ހޭނުވިދާނެ 6 ގޮތެއް!
ޑަކޯޓާއާއި އެމްޖީކޭގެ ލޯބީގެ އަޑުތައް އަނެއްކާ ވެސް ގަަދަވެއްޖެ