ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ވެރިޔާ މަރިޔަމް ދީނާގެ މައްޗަށް އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލާގައި ދީނާގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.

އެ ދައުވާ ސާބިތުވާ ކަމަށް ކުރިން ނިންމުމަށްފަހު އަދަބު ކަނޑައަޅަން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނީ އަސާސީ މިންގަނޑުން އޮންނަ އެއް އަހަރާއި ހަތް މަހުގެ ޖަލު އަދަބު އިއްވުމަށެވެ. އެއީ ދީނާއަކީ ތުއްތު ކުދިންތަކެއް ބަލާ މީހަކަށްވެފައި އޭނާއަށް ކޮރަޕްޝަންގެ ސަބަބުން ސީދާ މަންފާއެއް ލިބިފައި ނުވާތީ ކަމަށް ދައުލަތުން ބުންޏެވެ.

ދީނާގެ ފަރާތުން އެދުނީ ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ އާއި ގޭބަންދު އަދަބަށް ބަދަލުކޮށްދިނުމަށެވެ.

އެ މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ ދީނާގެ މައްޗަށް ޖަލު އަދަބު ކަނޑައެޅުމަށެވެ. އެހެންވެ, ދައުލަތުން އެދުނު ގޮތަށް ކުށުގެ އަސާސީ އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް އޭނާ ޖަލަށްލާން ހުކުމްކުރި އެވެ.

ދީނާ ޖަލަށްލާން ހުކުމް ކުރިއިރު އެ މައްސަލާގައި ދެން ދައުވާކުރި ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްޗަށް މީގެ އަހަރެެއްހާ ދުވަސް ކުރިން ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެއީ އެ ކުށުގެ އެންމެ ބޮޑު އަދަބެވެ.

އޭގެ އިތުރުން ވެސް ދީނާގެ މައްޗަށް ދައުވާކުރާ އެހެން މައްސަލައެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އެއީ ޖޫން، 2018 ގައި ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ކެމެރާ ސިސްޓަމާއި ހެޑް އޮފީހުގެ ކޮމާންޑް ސެންޓަރާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކުރަން ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ކުރާ ދައުވާއެކެވެ.