ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާމެދު ވޯޓަކަށް އަހައި، ފާސްނުވެއްޖެނަމަ ބަހުސްކުރުމުގެ ފުރުސަތަކާ ނުލައި ވަގުތުން ބާތިލުވާ ގޮތަށް މަޖިލީހުގެ ގަވާއިދު މިއަދު ބަދަލުކޮށްފި އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި އިސްލާހު ފާސްކޮށްފައި ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ 56 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ 11 މެންބަރަކު ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް އިސްލާހު ގެނައުމުގެ ކުރިން، ގަރާރެއް ހުށަހެޅުމުން އެ ބަލައިގަތުމުގެ ކުރިން މެންބަރުންނަށް ބަހުސްކުރުމުގެ ފުރުސަތު ލިބޭއިރު، ވޯޓު ނަގަނީ ބަހުސް މަރުހަލާ ނިމުމުންނެވެ. ނަމަވެސް އާ އިސްލާހުގެ ދަށުން، ގަރާރު ހުށަހެޅުމާއެކު އެންމެ ފުރަތަމަވެސް ނަގާނީ ބަލައިގަތުމުގެ ވޯޓެކެވެ. އަދި މަޖިލީހުގެ އަގުލަބިއްޔަތުން ބަލައިގަންނަން ފާސްނުވެއްޖެނަމަ، އެ ގަރާރަކަށް ބަހުސްކުރުމުގެ އެއްވެސް ފުރުސަތެއް ނުލިބި ވަގުތުން ބާތިލުވާނެ އެވެ.

މީގެއިތުރުން ކުރިއަށް އޮތް ތަނުގައި މަޖިލީހުގައި ހިނގާނެ ބަހުސެއްގެ މައުލޫއަކަށްވާ ގޮތަށް ވެސް ގަރާރެއް ހުށައެއް ނޭޅޭނެ އެވެ.

މި މައްސަލަ ދިރާސާކުރި އާންމު ކޮމިޓީން ނިންމި ގޮތަށް ތަޅުމަށް ފޮނުވުމުން، ބަހުސްކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް އޮތް ބައި އުނިކުރަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހު ވަނީ ޕީއެންސީގެ 55 މެންބަރުންގެ ވޯޓުން ބޭރުކޮށްލާފަ އެވެ.

މި ބަދަލާމެދު އެމްޑީޕީ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުން، ޕީއެންސީން ބުނީ އިދިކޮޅުން ހުށަހަޅަނީ ބޭކާރު ގަރާރުތަކެއް ކަމަށާއި އެކަން ހުއްޓުވަންޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އެމްޑީޕީން ގިނަ ގަރާރުތަކެއް ހުށަހަޅަމުންދާއިރު، 74 މެންބަރުން ތިއްބަވާ ޕީއެންސީގެ ތާއީދާއެކު މަޖިލީހަށް ބަލައިގަނެވެނީ އެ ޕާޓީން ބޭނުންވާ ބިލުތަކާއި ގަރާރުތައް އެކަނިކަން ފާހަގަކުރެވެ އެވެ.