ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީކުރުމަށް (ރީ-ރަޖިސްޓްރީ) ދީފައިވާ މުއްދަތު، މޯލްޑިވްސް މީޑިއާ ކޮމިޝަނުން މިއަދު އިތުރު ތިން މަސް ދުވަހަށް އިތުރުކޮށްފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ގަވައިދު" ގެ ދަށުން، މީޑިއާތައް އަލުން ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލީ މީގެ ހަ މަސް ކުރިންނެވެ. ކުރިން އޮތްގޮތުން، މި މުއްދަތު މިއަދަށް ހަމަވާނެ އެވެ. ނަމަވެސް، މީޑިއާ ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މީޑިއާތައް ރީ-ރަޖިސްޓްރީވުމަށް އިތުރު ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، މި މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

މީޑިއާ ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، ރީ-ރަޖިސްޓްރީވުމަށް މިހާތަނަށް ޖުމްލަ 162 ފޯމު ހުށަހަޅާފައިވެ އެވެ. މީގެ ތެރޭގައި ރަޖިސްޓްރީ އާކުރަން ހުށަހެޅި 94 ފޯމާއި، އަލަށް ރަޖިސްޓްރީކުރަން ހުށަހެޅި 68 ފޯމު ހިމެނެ އެވެ.

މީގެ ކުރިން މީޑިއާ ކޮމިޝަނުން ބުނެފައިވަނީ، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާ މީޑިއާތަކުގެ ހުއްދަ ބާތިލްކުރެވޭނެ ކަމަށެވެ. މުއްދަތު އިތުރުކުރުމުން، މިހާރު ރަޖިސްޓްރީ ނުވެ ތިބި މީޑިއާތަކަށް މި ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް އިތުރު ފުރުޞަތެއް ލިބިގެންދާނެ އެވެ.