ރަސްމާލޭގެ ބިމުން 500 ހެކްޓަރު ދޭން ސަރުކާރުން ނިންމާފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ހަރަދުގައި ރާއްޖޭގެ މީޑިއާގެ ބޮޑު ވަފުދެއް އެ ގައުމަށް ގެންގޮސްފި އެވެ.
މި މީޑިއާ ވަފުދުގެ ތެރޭގައި ސަރުކާރުން ސްޕޮންސާ ދޭ ނޫސްތަކުގެ ނޫސްވެރިން ހިމެނޭއިރު، އެ ނޫސްތަކުން ވަނީ މި ދަތުރު ކުރާކަން އެ އިދާރާތަކުގެ މުވައްޒަފުންނަށް ވެސް ސިއްރުކޮށްފަ އެވެ. ނަމަވެސް "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ވަނީ އެކަން އާންމުންނަށް ފަޅާއަރުވާލާފަ އެވެ.
ނޫސްވެރިން ދުބާއީއަށް ގެންދިޔައީ އީގަލް ހިލްސް ކުންފުނިން ތަރައްގީކޮށްފައިވާ ބައެއް ތަންތަނާއި، އެ ކުންފުންޏާ ގުޅުންހުރި އެހެން މަޝްރޫއުތައް ދެއްކުމަށެވެ. މި ދަތުރުގައި ބައިވެރިވި ބައެއް ނޫސްވެރިން އަގުބޮޑެތި ހޮޓާތަކާއި ޝޮޕިން މޯލްތަކަށް ގޮސް ފޮޓޯ ނަގައި، އެ މީހުންގެ މީސްމީޑިއާ އެކައުންޓުތަކުގައި ވަނީ ހިއްސާކޮށްފަ އެވެ.
މީގެ ކުރިން ވެސް އީގަލް ހިލްސްގެ ހަރަދުގައި ރާއްޖޭގެ ބައެއް ނޫސްވެރިން މިސްރަށް ގެންގޮސް، އެ ކުންފުނީގެ މަޝްރޫއުތައް ވަނީ ޕްރޮމޯޓުކޮށްފަ އެވެ. އަދި އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު މިދިޔަ މަހު ރާއްޖެ ވަޑައިގެން، ސަރުކާރަށް ސަނާ ކިޔާ މީޑިއާތަކަށް އިންޓަވިއު ދެއްވާފައިވެ އެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސް އެގްރީމެންޓުގައި ސަރުކާރުން ސޮއިކުރީ 21 ސެޕްޓެމްބަރު 2026 ގަ އެވެ. މި އެގްރީމެންޓުގެ ދަށުން ރަސްމާލޭގައި ތަރައްގީކުރާ ޕްރޮޕާޓީތައް 99 އަހަރަށް ވިއްކޭ ގޮތަށް އޮތްއިރު، ދާއިމީ އެގްރީމެންޓުގައި 11 ނޮވެމްބަރު 2026 ގައި ސޮއިކުރަން ވަނީ ރޭވިފަ އެވެ.
ދިވެހި ރައްޔިތުންގެ ފައިސާއިން ހިއްކި ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޭން ނިންމުމުން އާންމުންގެ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ. މީގެ އިތުރުން އީގަލް ހިލްސްގެ ވެރިޔާ އަލައްބާރުއަކީ ޒަޔަނިސްޓުންނާ ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްކަން ހާމަވާ ވީޑިއޯތަކެއް ވެސް މީސްމީޑިއާގައި ވަނީ އާންމުވެފަ އެވެ.
އަދާލަތުން ބާއްވަން އުޅުނު ބައްދަލުވުމުގެ ކޯރަމް ހަމައެއްނުވި!
މައްކާ އިއްތިހާދުން އީރާނުގެ ވެރިންނާއެކު މަޝްވަރާ ކުރަނީ