ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންގެ އަގުވަޒަންކުރުމުގެ ގޮތުން އެލީޓްކްލަބްގެ ޕާޓްނަރުންނާއެކު ހާއްސަ އިވެންޓެއް މިއަދު ބާއްވައިފި އެވެ.

މި ހަފްލާ ބާއްވާފައިވަނީ ދުސިތްޑީ2 ރިސޯޓު, ފޭދޫ ފިނޮޅުގަ އެވެ.

މި އިވެންޓުގައި ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރާ ޕާޓްނަރުން ދިރާގަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް، އެ ފަރާތްތަކަށް ވަނީ ޝުކުރުއަދާކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް ހަވާލުކޮށްފަ އެވެ. އަދި، މި އިވެންޓުގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވައިފައި ހުރި ހާއްސަ ކަންތައްތައް ވަނީ ޕާޓްނަރުންނާއި ހިއްސާކޮށްފަ އެވެ. މިހާރުވެސް 100އަށް ވުރެ ގިނަ ވިޔަފާރިތަކުން އެލީޓް ކްލަބް މެދުވެރިކޮށް، ކަސްޓަމަރުންނަށް އަގުހުރި އެތައް ފުރުސަތުތަކެއް ލިބެމުން ދެ އެވެ.

މި އިވެންޓުގައި ވާހަކަފުޅުދައްކަވަމުން، ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ، 2013 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް، އެލީޓް ކްލަބަކީ ކަސްޓަމަރުންގެ މެދުގައި މިހާ ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ޕްރޮގްރާމަކަށް ވެގެން ގޮސްފައިވަނީ، އެލީޓް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންނަށް ގިނަ އަގުހުރި ފުރުސަތުތަކާއި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ކުރެވިފައިވާ ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، މި ހިދުމަތް ޑިޖިޓަލައިޒްކޮށް، އިތުރަށް ފުރިހަމަކޮށް، އަދި ދިރާގާއި ޕަރޓްނަރުންނާއި ގުޅިގެން އެލީޓް ކްލަބްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްފަހު، ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މި ތަޖުރިބާގެ ފުރުސަތު ހުޅުވައިލުން. އަދި، މި ފުރުސަތުގައި، އެލީޓް ކްލަބްގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރަމުންދާ އެލީޓް ޕާޓްނަރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް، އެންމެހާ ޕަރޓްނަރުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ. އަދި، ދިރާގުން އަބަދުވެސް ދަނީ އެ ކުންފުނީގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މިފަދަ އިތުރު ފައިދާތައް ހޯދައިދީ އައު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.