ރައީސް މުއްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ އަތުން އެއްވެސް ޓެކްސެއް ބޮޑުކޮށްފައި ނުވާ ކަމަށާއި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ދަތިކަމެއް ނެތި ފުދެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ އެއް ބިލިއަން ޑޮލަރަށްވުރެ ގިނަ ދަރަނި ބޭރުގެ ބޭންކުތަކާއި މާލީ އިދާރާތަކަށް މި ސަރުކާރުން ދައްކާފައިވާ ކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ ބޭނުންކުރަމުންދަނީ ގައުމީ ތަރައްގީއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތު ވެސް ހުރީ ރަނގަޅަށް ކަމަށެވެ.

"އެއްވެސް ރައްޔިތަކަށް އެއްވެސްކަމެއް ދަތިވެފަ ނެތް. އަޅުގަނޑުމެންގެ ޒަރޫރީ ހުރިހާ ބޭނުންތަކެއް އެބަ ފުދޭ. ރާއްޖޭގެ ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް އެބަ ހިންގާ. ގައުމުގެ މި ސިޔާސީ ފަރާތްތައް ޖަލަށް ލައި، އަނދަގޮނޑި ޖަހާފައެއް ނެތް،" ކަމަށެވެ.

ރާއްޖޭގައި ސިޔާސީ މިނިވަންކަން އެބައޮތް ކަމަށާއި އެއްވެސް ސިޔާސީ ލީޑަރަކު ޖަލަށްލާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމުން އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް އޭނާ ރައްދު ދެއްވި އެވެ.

ފަލާހު ވިދާޅުވީ މަޖިލީހުގެ ރައީސްގެ މުސާރައަށް ބަދަލު ގެނައީ ތިން ބާރުގެ ހަމަހަމަކަން ގާއިމުކުރުމަށް ކަމަށެވެ. ކުރިން މަޖިލީހުގެ ރައީސަށް ކޮމިޓީ އެލަވަންސް ނުލިބޭތީ، ނައިބު ރައީސަށްވުރެ ރައީސްގެ މުސާރަ ކުޑަވެފައި އޮތްއޮތުން އިސްލާހުކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.