މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައި ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ފަހަކަށް އައިސް ރާއްޖެއަށް ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު ދުންފުހުގެ އަސަރު ކުރެ އެވެ. އަދި ކޮންމެ އަހަރަކު ވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ދުންފުހުގެ އަސަރުކުރަނީ މި ސަރަހައްދުގެ ގައުމުތަކުން އަންނަ ދުމާއި ހިރަފުމުގެ ސަބަބުންނެވެ.

މެޓް އޮފީހުން ބުނީ ދުންފުހުގެ ސަބަބުން މެދު ރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ގާތްގަނޑަކަށް ދެ ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނީ މި ހާލަތު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށާއި، ހާއްސަކޮށް އުތުރުގެ އަތޮޅުތަކަށް ކުރިއަށް އޮތް ފަސް ދުވަހު ވެސް ކުރާނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ ދުންފުހުގެ އަސަރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީ ކޮޅުން ފެށިގެން ވަރަށް ބޮޑަށް ކޮށްފައިވެ އެވެ. އަދި އެހެން އަހަރަތުކާ ޚިލާފަށް މި އަހަރުގެ ފެބްރުއަރީ މަހާ ހަމަޔަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ދިގު ދެމިގެން ގޮސްފައިވާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެ އެވެ.

ވައި ނުސާފުވުމުގެ ސަބަބުން ކުރު އަދި ދިގު މުއްދަތަކަށް ސިއްހީ ގޮތުން އަސަރު ކުރާ މައްސަލަތަކެއް ދިމާވެ އެވެ. އޭގެ ތެރޭގައި ސިކުނޑި އާއި، ނާރުގެ ބަލިތަކާއި، ވިސްނުމުގެ ބާރު ދެރަވާ ފަދަ ކަންކަން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ހަމައެއާއެކު، މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި ސިއްހީ މައްސަލަތައް އަދި ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސް އެޅުމާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމުގެ ރިސްކް އިތުރުވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެހެންކަމުން މިދުވަސްވަރު ރާއްޖޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާތީ، މިކަމާ ގުޅިގެން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.

އެގޮތުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުން ބޭރުގައި ކުޅެން އުޅުމާއި، ކަސްރަތުކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ. ހަމައެއާއެކު، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނާއި، އެލާޖީގެ މައްސަލަތައް ހުންނަ މީހުން އެން 95 މާސްކް ނުވަތަ އެފަދަ މާސްކް އެޅުމަށް ވެސް އިރުޝާދުދެ އެވެ. އަދި ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް ވެސް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.