އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން އަލަށް ތައާރަފުކުރި ޕްރައިވަސީ ގާނޫނުގެ ސަބަބުން، ނޫސްވެރިން ލިޔާ ހަބަރުތަކުގައި ހިމެނޭ މީހުންގެ ހުއްދަ ކުރިން ހޯދަން ލާޒިމްވެ، ނޫސް އޮފީސްތައް ހުއްޓުމަކަށް އަތުވެދާނެ ކަމަށް ބުނެ އިންޑިއާގެ އިސް މީޑިއާ ގްރޫޕުތަކުން އެ ގާނޫނާ ދެކޮޅަށް އެ ގައުމުގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ މޯދީގެ ސަރުކާރުން ފާސްކުރި މި ގާނޫނާ ދެކޮޅަށް ހުށަހެޅުނު އެންމެ ބޮޑު ގާނޫނީ މައްސަލަ އެވެ. މީގެ ކުރިން އާންމު ޖަމިއްޔާތަކުންނާއި ކުދި މީޑިއާތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމަށް ބާރުދީ އިންޑިއާގެ ބޮޑެތި މީޑިއާ ކުންފުނިތަކުން މި މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އިންޑިއާގެ 21 މީޑިއާ ކުންފުންޏެއް އެކުލެވޭ 'ޑިޖިޓަލް ނިއުސް ޕަބްލިޝާސް އެސޯސިއޭޝަން' (ޑީއެންޕީއޭ) އިންނެވެ. މީގެ ތެރޭގައި އިންޑިއާގެ މަހުޖަނުން ކަމަށްވާ މުކޭޝް އަންބާނީ އަދި ގޯތަމް އަދާނީގެ ހިއްސާ އޮންނަ ބޮޑެތި މީޑިއާ ކުންފުނިތައް ވެސް ހިމެނެ އެވެ.

މީޑިއާ ގްރޫޕުތަކުގެ ގާނޫނީ ވަކީލު މަދަވީ ގޮރާޑިއާ ދިވާން ކޯޓުގައި ވިދާޅުވީ، ހަބަރެއް ޝާއިއުކުރުމުގެ ކުރިން އެ މީހެއްގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އޮތުމަކީ ނޫސްވެރިކަމުގެ އަސާސީ މާނަ މުޅިން ބަދަލުވެ، ހަބަރުތައް ސެންސަރުކުރުމުގެ ނުރައްކާތެރި ނިޒާމެއް އުފެދޭނެ ކަމެއް ކަމަށެވެ. އަދި މި ގާނޫނުގެ ސަބަބުން ތަހުގީގީ ނޫސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް އެޅި، ސަރުކާރަށް ނޫސްވެރިންގެ މަސްދަރުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވަކާލާތު ކުރެއްވި އެވެ.

މޯދީ 2014 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންފަހުން އިންޑިއާގައި ނޫސްވެރިކަމުގެ މިނިވަންކަން ހީނަރުވަމުންދާ ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ތުހުމަތުކުރަމުންދާއިރު، ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ނޫސްވެރިކަމުގެ މިނިވަންކަމަށް އިހުތިރާމްކުރާ ކަމަށް ބުނެފަ އެވެ. ނަމަވެސް މި ގާނޫނުގެ ކުރީގެ ދެ މާއްދާއެއްގައި ނޫސްވެރިން އިސްތިސްނާކޮށްފައި އޮތުމަށްފަހު، ފަހު ވަގުތު އެ އިސްތިސްނާ އުވާލާފައިވާތީ މީޑިއާތަކުން ތިބީ އިންތިހާއަށް ކަންބޮޑުވެފަ އެވެ. އަދި މި މައްސަލައިގެ އިތުރު އަޑުއެހުންތައް އަންނަ މަހު ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ.