މެދުއުރުމަތީގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ތެރެއިން ސުލްހައިގެ މަޝްވަރާތަކަށް އުއްމީދުތަކެއް އާވުމާ ގުޅިގެން، ތެލުގެ ސަޕްލައިއަށް އޮތް ބިރުވެރިކަން ކުޑަވެ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ފީފާއަކުން 2 ޑޮލަރަށްވުރެ ބޮޑުތަނުން ދަށްވެއްޖެ އެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބްރެންޓް ކުރޫޑް ފިއުޗާސްގެ އަގު ވަނީ ފީފާއަކުން 2.09 ޑޮލަރު ދަށްވެ، 113.72 ޑޮލަރަށް ތިރިވެފަ އެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިއުޓީއައި) ކުރޫޑްގެ އަގު ވަނީ ފީފާއަކުން 1.93 ޑޮލަރު ދަށްވެ، 99.83 ޑޮލަރަށް ތިރިވެފަ އެވެ.

ތެލުގެ އަގަށް މި ބަދަލު އައިސްފައި ވަނީ ސައުދީ އަރަބިއްޔާ، ތުރުކީ، އަދި ޕާކިސްތާނުގެ އިސް މަސްއޫލުވެރިން ތެހެރާންގައި އީރާނުގެ މަންދޫބުންނާއެކު ސަރަހައްދީ ހަމަޖެހުމާ ބެހޭގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންދިއުމާ ގުޅިގެންނެވެ.

މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް ބާޒާރުގެ ނުވަތަ ސަޕްލައިގެ ބިރުވެރިކަން މުޅިން ފިލައިގެން ނުދާ ކަމަށް އިގުތިސާދީ ތަހުލީލުކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ.

ސައުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ ސަރަހައްދުތަކަށް ޔަމަނުގެ ހޫސީން ދެމުންދާ ހަމަލާތަކާއި، ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ އުފުލާ ބޯޓުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ކަނޑުއޮޅިން ކުރާ ދަތުރުތައް ވަނީ އާންމު ހާލަތަށްވުރެ 60 އިންސައްތައަށް ދަށްވެފަ އެވެ. މިކަމުގެ ސަބަބުން ތެލުގެ އަގު އަދިވެސް އުޅެނީ ފާއިތުވި ހަ މަސްދުވަހުގެ އެންމެ މަތީ މިންވަރާ ގާތްގަނޑަކަށް އެއްވަރެއްގަ އެވެ.