ނެޓްފްލިކްސްގެ މަޝްހޫރު ސިލްސިލާ 'ނޯބޮޑީ ވޯންޓްސް ދިސް' ގެ ބަތަލު އެޑަމް ބްރޯޑީ، ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް، ގާޒާގައި ހިނގަމުންދަނީ ނަސްލު ނައްތާލުމުގެ ގަތުލުއާންމެއް ކަމަށް ބުނެފި އެވެ. 2024 ވަނަ އަހަރު ދައްކަން ފެށި މި ސިލްސިލާގައި ބްރޯޑީ ކުޅެނީ ތަފާތު ދީންތަކުގެ ދެމެދުގައި އޮންނަ ގުޅުމެއް ތަަމްސީލުކޮށްދޭ ޔަހޫދީ ދީނީ އިލްމުވެރިއެއްގެ ރޯލެވެ.
'ޖީކިއު' މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ބްރޯޑީ ދެއްކި މި ވާހަކަތަކަށް، އެ ސިލްސިލާ އުފެއްދި އެރިން ފޮސްޓާ އާއި އޭނާގެ މަންމަގެ ރޯލު ކުޅޭ ޓޯވާ ފެލްޑްޝޫ ވަނީ ފާޑުކިޔާފަ އެވެ.
ޖީކިއު އިންޓަވިއުގައި ބްރޯޑީ ވަނީ ސިޔާސީ ކަންކަމުގައި އޭނާ ހަރަކާތްތެރިވާ މިންވަރާއި، ޖަމިއްޔާތަކާ ގުޅިގެން ކުރާ މަސައްކަތްތަކަށް އަލިއަޅުވާލާފަ އެވެ. ހޮލީވުޑަކީ ކޮންޒަވޭޓިވް ނުވަތަ ބަދަލުތަކަށް ދެކޮޅު ތަނަކަށް ވަމުންދާކަމަށް ގަބޫލުކުރަންތޯ ސުވާލުކުރުމުން، އޭނާ ވަނީ އެކަމަށް އެއްބަސްވެ، ބައެއް އެކުވެރިންގެ ފިކުރު ހުރިގޮތުން ހައިރާންވި ކަމަށް ބުނެފަ އެވެ.
ކޮވިޑް-19 އާއި، ޓްރަމްޕްގެ ދެވަނަ ދައުރަކަށް އޮތް ފުރުސަތާއި، އިޒްރޭލް-ގާޒާ މައްސަލައިގެ ސަބަބުން، ކުރިން އޭނާއަށް ނޭނގި އޮތް ތަފާތު ގަބޫލުކުރުންތަކެއް ފެންމަތިވެ، އެކަމާ މާޔޫސްވި ކަމަށް ބްރޯޑީ ފާހަގަކުރި އެވެ.
އިޒްރޭލާއި ހަމާސްގެ ހަނގުރާމައާ ގުޅޭގޮތުން އަމިއްލަ މަޖިލިސްތަކުގައި ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް، އާންމުކޮށް އެވާހަކަ މާބޮޑަށް ނުދައްކާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، އެ އިންޓަވިއުގައި އޭނާ ވަނީ ފަލަސްތީނު މިނިވަންކުރުމަށް ތާއީދުކޮށް، ގާޒާގައި ހިނގަމުންދަނީ ގަތުލުއާންމެއް ކަމަށް ސިފަކޮށްފަ އެވެ.
"އަހަރެން ގަބޫލުކުރަނީ މިއީ ގަތުލުއާންމެއް ކަމަށް. އަދި ފަލަސްތީނު މިނިވަންވުމަށް އަހަރެން އެދޭކަން ނޯޓުކޮށްލާ،" ބްރޯޑީ ބުންޏެވެ. "އިތުރު ބަޔަކު މަރުވެ، ބޮޑެތި ތަހައްމަލުތަކެއް ކުރަން ޖެހުމަކީ ހިތާމަވެރި ކަމެއް. އެކަމަކު މިހާރު މިވަނީ މީގެ މާ ކުރިންވެސް ނިމުމަކަށް އަންނަންޖެހޭ ހިސާބަކަށް ގޮސްފައި. އާ ސަރުކާރަކުން މި ނުރައްކާތެރި ހާލަތަށް މަގުފަހިވާ ސިޔާސަތުތައް އިސްލާހުކޮށް، ރަނގަޅު ބަދަލެއް ގެންނާނެ ކަމަށް އުންމީދުކުރަން" އޭނާ ބުންޏެވެ.
އެރިން ފޮސްޓާ، އޮކްޓޯބަރު 27 ގައި ދިން ޕޮޑްކާސްޓް އިންޓަވިއުއެއްގައި ބްރޯޑީގެ ވާހަކަތަކަށް ރައްދު ދެމުން ބުނީ މިއީ ވަރަށް އުނދަގޫ މައްސަލައެއް ކަމަށެވެ. މަސައްކަތުގެ މާހައުލުގައިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އާއިލީ ސުފުރާތަކެކޭ އެއްފަދައިން ބަހުސްތަކާއި ހިޔާލުތަފާތުވުންތައް ހުންނާނެ ކަމަށާއި، ބްރޯޑީ ދެކެ ލޯބިވީ ނަމަވެސް އޭނާގެ ހިޔާލާ ދެކޮޅު ކަމަށް ފޮސްޓާ ބުންޏެވެ.
ދިރާގު އެލީޓްކްލަބްގެ ކާމިޔާބީ ފާހަގަކޮށްފި
ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި
ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށް އެހީތެރިވެދޭ 10 ކާނާ