ފުރާވަރުގެ ކުދިން ރޭގަނޑު މާ ލަހުން ނިދާކަން ފާހަގަކުރެވޭނަމަ، އޭގެ ފަހަތުގައި ސަބަބުތަކެއްވާކަމަށް ނިދުމާބެހޭ މާހިރުން ބުނެ އެވެ.

އުމުރުގެ ވަކި ހިސާބަކުން ފުރާވަރުގެ ކުދިން ނިދަން އޮންނަ ގަޑި ލަސްކުރުމާއި ނުވަތަ ހެނދުނު ހޭލަން އުނދަގޫވާކަން ބެލެނިވެރިންނަށް ފާހަގަކުރެވިދާނެ އެވެ. މިއީ ބެލެނިވެރިންނަށް ކަންބޮޑުވާ ކަމަކަށް ވީނަމަވެސް، މިއީ އާންމުކޮށް ދިމާވާ ކަމެކެވެ. މާހިރުން ފާހަގަކުރާ ގޮތުގައި ފުރާވަރުގެ ކުދިން ނިދުމަށް ބަދަލު އަންނަނީ ބަޔޮލޮޖިކަލް ސަބަބުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ. މި ސަބަބުތައް ދެނެގަތުމަކީ ކުދިންނަށް ފުރިހަމަ އަރާމު ހޯދައިދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ފުރާވަރުގެ ކުދިންގެ ނިދުމާ ގުޅޭ ސައިންސް

ފުރާވަރަށް އެޅުމާއެކު ކުދިންގެ ނިދުމުގެ އާދަތަކަށް ބަދަލު އާދެ އެވެ. "ފުރާވަރަށް އަރާއިރު ހަށިގަނޑަށް އަންނަ ހޯމޯންގެ ބަދަލުތަކުގެ ސަބަބުން، ކުދިންގެ ހަށިގަނޑުގެ ގުދުރަތީ ގަޑި މަޑުމަޑުން ލަސްވެގެންދޭ،" ޗިލްޑްރަންސް ހެލްތުގެ ޕީޑިއަޓްރިކް ޕަލްމޮނޮލޮޖިސްޓް އަދި ޔޫޓީ ސައުތުވެސްޓަން މެޑިކަލް ސެންޓަރުގެ އެސޯސިއޭޓް ޕްރޮފެސަރު ޑރ. މިޝޭލް ޖީން ބްރޮކް ކަރަބާލޯ ވިދާޅުވި އެވެ. "އެކުދިންގެ ހަށިގަނޑު ބޭނުންވަނީ ލަހުން ނިދައި، ހެނދުނު ލަހުން ހޭލުމަށް". އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ސްކޫލަށް ދިއުމަށް ހެނދުނު ހޭލަން ކުއްޖާއަށް އުނދަގޫވަނީ ކަންނެތްކަމުން ނުވަތަ ސްކޫލަށް ދާން ބޭނުންނުވާތީއެއް ނޫނެވެ. އެއީ ހަށިގަނޑުގެ ބަޔޮލޮޖިކަލް ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން ދިމާވާ ކަމެކެވެ.

ގިނަ ކުދިން ބޭނުންވަނީ ރޭގަނޑު 10 ނުވަތަ 11 ޖަހާއިރު ނިދައި، ހެނދުނު 8 ޖަހާއިރު ނުވަތަ އެއަށްވުރެ ލަހުން ހޭލާށެވެ. ޗުއްޓީ ދުވަސްވަރު މިއީ މައްސަލައަކަށް ނުވިނަމަވެސް، ސްކޫލް ގަޑިތަކާ މިކަން ދިމައެއް ނުވެ އެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، ކުދިންނަށް ބޭނުންވާ މިންވަރަށް ނިދި ނުލިބި، ވަރުބަލިވެ، މޫޑު ގޯސްވާގޮތް ދިމާވެ އެވެ.

ފުރާވަރުގެ ކުދިންނަށް ނިދި މުހިންމުވާ ސަބަބު

ނިދި މަދުވުމަކީ ކޮންމެ މީހަކަށްވެސް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ހާއްސަކޮށް ފުރާވަރުގެ ކުދިންނަށް ބޭނުންވާ މިންވަރަށް ނިދި ނުލިބޭނަމަ، ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެ، ރޯގާ ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

އަދި ނިދި މަދުވުމުގެ ސަބަބުން ފަލަވުމާއި، ހަނދާން ބަލިވުމާއި، އުނގެނުމަށް އުނދަގޫވުމުގެ އިތުރުން، ހިތުގެ ބަލިތަކާއި ލޭގެ ޕްރެޝަރު މަތިވުމުގެ ނުރައްކާވެސް އޮވެ އެވެ.

ނިދި ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތައް

  • ބަންދު ދުވަސްތަކުގައިވެސް އެއް ގަޑިއެއްގައި ނިދައި ހޭލުމުގެ އާދަ ހިފެހެއްޓުން (ދުވާލަކު 8 އާއި 10 ގަޑިއިރުގެ ނިދި ބޭނުންވާނެ އެވެ).
  • ނިދުމުގެ 30-60 މިނެޓު ކުރިން ފޯނާއި ޓީވީ ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލުން.
  • ނިދުމުގެ ކުރިން ފޮތް ކިޔުން ނުވަތަ މަޑުމައިތިރި މިއުޒިކް އެހުން ފަދަ ހިތްހަމަޖެހޭ ކަމެއް ކުރުން.
  • ރޭގަނޑު އަލިގަދަ ބޮކިތަކުގެ ބަދަލުގައި ފަނޑު އަލި ބޭނުންކުރުން.
  • ނިދާ ކޮޓަރިއަކީ ފިނި، އަނދިރި އަދި ހަމަހިމޭން ތަނަކަށް ހެދުން.
  • އަވަހަށް ނިދުމަކީ އަދަބެއްގެ ގޮތުގައި ނުދެކި، އެއީ ސިއްހަތަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ކުދިންނަށް ވިސްނައިދިނުން.
  • ބެލެނިވެރިންވެސް ނިދުމުގެ ރަނގަޅު އާދަތައް ނަމޫނާއެއްގެ ގޮތުގައި ދެއްކުން.

ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންވީ ކޮން އިރަކު؟

އެއްދުވަހު ނުވަތަ ދެދުވަހު ލަހުން ނިދުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، ކުއްޖާގެ މޫޑަށް ބޮޑެތި ބަދަލުތައް އައުމާއި، އަބަދު ވަރުބަލިވެފައި ހުރުމާއި، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހެ އެވެ.

މީގެ އިތުރުން، ނިދީގައި ނޭވާލާން އުނދަގޫވުން، ގަދައަށް ގުގުރި ދެމުން ނުވަތަ ރަނގަޅަށް ނިދި ލިބުނަސް އަބަދު ވަރުބަލިވެފައި ހުންނަނަމަ، އެއީ 'ސްލީޕް އެޕްނިއާ' ފަދަ ނިދުމުގެ ބައްޔެއްގެ އަލާމާތަކަށް ވެދާނެތީ ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ.