އިޒްރޭލުގެ އިންތިހާބުގެ ފުރަތަމަ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި އިދިކޮޅު އިއްތިހާދަށް ކުޑަ ކުރިއެރުމެއް ލިބިފައިވީ ނަމަވެސް، އެއްވެސް ބަޔަކަށް އަދި އަޣުލަބިއްޔަތެއް ކަށަވަރުވެފައެއް ނުވެ އެވެ.
އަންގާރަ ދުވަހު ވޯޓުލުން ނިމުނުއިރު، އިޒްރޭލުގެ މީޑިއާ ތަކުން ލަފާކުރާ ގޮތުގައި 120 ގޮނޑި ހިމެނޭ ކްނެސެޓްގެ 52 އާއި 54 އާ ދެމެދުގެ އަދަދަކަށް ގޮނޑި އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރާނެ އެވެ. ބެންޖަމިން ނަތަންޔާހޫގެ އިއްތިހާދަށް ލިބޭނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 50 ގޮނޑިއެވެ. ނަމަވެސް އޭނާގެ ލިކޫޑް ޕާޓީއަކީ 24 ނުވަތަ 25 ގޮނޑިއާއެކު މަޖިލީހުގެ އެންމެ ބޮޑު ޕާޓީއަށް ވުމުގެ ފުރުސަތު ބޮޑެވެ.
ސަރުކާރެއް އެކުލަވައިލުމަށް ޕާޓީތަކުން މަސައްކަތް ކުރަމުންދާއިރު، މި ނަތީޖާއާއެކު އުފެދޭ ހަމަނުޖެހުމުގެ ފައިދާ ނަތަންޔާހޫއަށް ލިބި، ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި މަގާމުގައި ދެމިހުރުމުގެ ފުރުސަތު އޮވެދާނެ އެވެ.
އިންތިހާބުގެ ފައިނަލް ނަތީޖާ ލިބުމަށް ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ބައިބައިވެފައިވާ ސިޔާސީ ނިޒާމުގެ ތެރެއިން ކުދި ޕާޓީތަކަށް ސަރުކާރު އެކުލަވައިލުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ އެވެ. އިޒްރޭލުގެ ތާރީހުގައި މިހާތަނަށް އެއްވެސް ޕާޓީއަކަށް މަޖިލީހުގެ 61 ގޮނޑި އެކަނި ކާމިޔާބު ކުރެވިފައި ނުވާތީ، ކޯލިޝަން ސަރުކާރުތަކަކީ އެ ގައުމުގައި އާންމު ކަމެކެވެ.
މިއީ 2023 އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާތަކާއި، އޭގެ ފަހުން ޣައްޒާ، ލުބުނާން އަދި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަތަކަށްފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ. މި އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާއިރު، މިއީ ހަނގުރާމައިގެ ދަނޑިވަޅުގައި ނަތަންޔާހޫގެ ސިޔާސަތުތަކާމެދު ރައްޔިތުން ނިންމި ނިންމުމެކެވެ.
ނަތަންޔާހޫގެ ކަނާތު ފިޔައިގެ ކޯލިޝަންގެ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އެތެރޭގައި ބައިބައިވުން އުފެދި، ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލު އެކަހެރިވެފައިވީ ނަމަވެސް، އޭނާއަކީ ދުޝްމަނުންނާ ކުރިމަތިލުމުގެ ގާބިލުކަން ހުރި ލީޑަރެއްގެ ގޮތުގައި އަމިއްލައަށް ސިފަކުރެ އެވެ.
އުމުރުން 77 އަހަރުގެ ނަތަންޔާހޫ ވަނީ ފާއިތުވި 30 އަހަރުގެ ތެރެއިން ގާތްގަނޑަކަށް 19 އަހަރު ބޮޑުވަޒީރުކަން ކޮށްފަ އެވެ. އޭނާ މި އިންތިހާބާ ކުރިމަތިލީ ކޮރަޕްޝަންގެ ތުހުމަތުތަކާއި، 1,200 މީހުން މަރުވެ 251 މީހުން ރަހީނުކުރި ހަމަލާ ހުއްޓުވުމުގައި އިންޓެލިޖެންސް އިދާރާތައް ފެއިލްވި މައްސަލާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
ނަތަންޔާހޫއާ އެންމެ ގާތުން ވާދަކުރަނީ ކުރީގެ އަސްކަރީވެރިޔާ އައިޒެންކޮޓް އެވެ. ޣައްޒާ ހަނގުރާމައިގައި ދަރިއަކާއި ދެ ކޮއްކޮގެ ދަރިން މަރުވެފައިވާ އައިޒެންކޮޓް ވަނީ، ސަލާމަތީ ކަންކަމުގައި އޭނާގެ ތަޖުރިބާއަށް ބިނާކޮށް، މެދުމިނުގެ ސިޔާސަތުތަކެއް ގެންގުޅޭނެ ކަމަށް ބުނެފަ އެވެ. އޭނާ ސިޔާސީ ދާއިރާއަށް ނުކުތީ މީގެ ހަތަރު އަހަރު ކުރިންނެވެ. ހަމާސްގެ ހަމަލާއަށްފަހު ނަތަންޔާހޫގެ ވޯ ކެބިނެޓާ ގުޅުނު ނަމަވެސް، އަށް މަސް ފަހުން އޭނާ ވަނީ ނަތަންޔާހޫގެ ލީޑަޝިޕަށް ފާޑުކިޔައި އިސްތިއުފާ ދީފަ އެވެ.
ކަނޑައެޅިފައިވާ އަޣުލަބިއްޔަތު އެއްވެސް ފަރާތަކަށް ނުލިބިއްޖެނަމަ، އިޒްރޭލަށް ކުރިމަތިވާނީ ދިގުދެމިގެންދާ ކޯލިޝަން މަޝްވަރާތަކެއް ނުވަތަ އަނެއްކާވެސް އާ އިންތިހާބެކެވެ.
ސެނެޓް އިންތިހާބަށް ޓްރަމްޕް ކެމްޕޭން ފަށައިފި
ސީއައިޑީގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ބީޕީ ސިންގް މަރުވެއްޖެ
މެދުއިރުމަތީގެ ސުލްޙައިގެ މަޝްވަރާތަކާއެކު ތެލުގެ އަގު ދަށްވެއްޖެ
