ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު މަސައްކަތް ކުރުމަށް "ހައްލު ނުކުރެވޭ ގޮންޖެހުންތަކެއް" ހުރި ކަމަށް ވިދާޅުވެ، މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ރައީސް ކަމުގެ މަގާމުން މުހައްމަދު ފަރުޝަތު މިއަދު އިސްތިއުފާދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ފަރުޝަތު ވިދާޅުވީ، މީޑިއާ ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކަމާއެކު، އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކަންކަން ރާވައި ހިންގުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ކޮމިޝަނުގެ ރައީސް ކަމާއި މެންބަރު ކަމުގެ މަގާމުން އިސްތިއުފާދެއްވަން ނިންމެވީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ފަރުޝަތު ވިދާޅުވި ގޮތުގައި، ގާނޫނުން ކޮމިޝަނަށް މަތިކޮށްފައިވަނީ ދިވެހި މީޑިއާގެ މިންގަނޑުތަކާއި އަހްލާގީ ގަވާއިދު ދަމަހައްޓައި، އިންސާފުވެރިކަމާއެކު ވާޖިބުތައް އަދާކުރުމެވެ. އަދި ރާއްޖޭގެ މީޑިއާގެ މާހައުލަކީ ފައިސާގެ ތަނަވަސްކަމާއި އިލްމީ ގޮތުން މިނިވަން، އާންމުންގެ ހައްގުތައް ކަށަވަރުކޮށްދޭ ޒިންމާދާރު ތަނަކަށް ވުމަކީ އޭނާގެ އުއްމީދު ކަމަށް ވެސް ސިޓީގައި ބަޔާންކުރައްވާފައިވެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ މެންބަރު އަދި މީޑިއާ ކައުންސިލުގެ އެސްޖީކަން ކުރެއްވި ފަރުޝަތު ކޮމިޝަންގެ ރައީސަކަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު 27 ގަ އެވެ.
އޭނާ އިސްތިއުފާދެއްވާފައި މިވަނީ، މީޑިއާތަކަށް ސަރުކާރުން ދޭ މާލީ އެހީ ލިބޭ މުއްދަތު 3 އަހަރުން 1 އަހަރަށް ކުރުކޮށް، އުސޫލަށް ބަދަލުތަކެއް ގެންނަން ހުޅުވާލާފައިވާ ދަނޑިވަޅެއްގަ އެވެ. އަދި މަޖިލީހުން އައްޔަންކުރާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންނާއެކު 7 މެންބަރުން ތިއްބަވާ މި ކޮމިޝަނުން ފަރުޝަތު އިސްތިއުފާދެއްވުމާ ގުޅިގެން ރިޔާސަތު މިހާރު ބަލަހައްޓަވާނީ ނައިބު ރައީސް ޒަމްއަތު އަހުމަދު ވަހީދު އެވެ.
ސީއައިޑީގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ބީޕީ ސިންގް މަރުވެއްޖެ
ތޫފާން "އަރްނަބް" އިންޑިއާގެ އަންދްރަ ޕްރަދޭޝަށް އަރައިފި
ދިވެހިރާއްޖެ ތޫފާނެއްގެ ތުންފަތް މައްޗަށް!