އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ މެންދުރުފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައި، އެކަމަށްޓަކައި މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަން ތާވަލުކޮށްފި އެވެ.

ގާނޫނުއަސާސީ ބުނާގޮތުން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓު ހިނގަމުންދާ އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ހުށަހަޅަންޖެހެ އެވެ. މި މަހުގެ އެންމެ ފަހު ދުވަހަކީ ހޮނިހިރު ދުވަހަކަށް ވާތީ، މި މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގައި ޖަލްސާއެއް ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދުގެ ޖަލްސާ ނިންމަވަމުން އިއުލާނުކުރައްވާފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމްލަ އަދަދާއި ތަފުސީލުތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއަހަރަށް ފާސްކޮށްފައި ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ގައުމެއްގެ ހަމަޖެހުން ބިނާވެފައި އޮންނަނީ އަދުލުއިންސާފު ގާއިމުވެފައިވާ މިންވަރުގެ މައްޗަށް ކަން ފާހަގަކުރައްވާފަ އެވެ. އަދި ސަރުކާރުން ހުށަހަޅާ ކަންކަމުގައި ގާނޫނީ ބަދަލުތައް ގެނެސްދީ، ސަރުކާރު ހިންގުމަށް ފަސޭހަކޮށްދިނުމަށް މެންބަރުން މަސައްކަތްކުރަމުންދާ ކަމަށާއި، ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ މަޖިލީހުގެ އަސާސީ ޒިންމާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.