ޑިންގީއާއި އިންޖީނު ވިއްކާ ކަމަށް ބުނެ، އޮޅުވައިލައިގެން 60،000 ރުފިޔާ އަތުލި މައްސަލަތަކާ ގުޅިގެން ނ. އަތޮޅުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، މުދާ ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެ މައްސަަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއީ:

  • އަލީ އައްފާން، ހީނާގެ / ނ. ހޮޅުދޫ (32އ)
  • މުހައްމަދު ހަމީދު، ޕްލާޒާ / ނ. ހޮޅުދޫ (34އ)
  • ހައްސާން އަލީ، ވީނަސް / ނ. ވެލިދޫ (34އ)

އެ ތިން މީހުންގެ ތެރެއިން ހައްސާން ހައްޔަރުކުރީ މިދިޔަ ސެޕްޓެންބަރު މަހުގެ ދެވަނަ ދުވަހު ފޭސްބުކް މާކެޓްޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލި މައްސަލައަކާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ވެލިދޫންނެވެ.

އައްފާނާއި ހަމީދު ހައްޔަރުކުރީ މިދިޔަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު އިންޖީނެއް ވިއްކާކަމަށް ބުނެ ފޭސްބުކް މާކެޓްޕްލޭސްއިން މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލި މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ހޮޅުދޫން ކަމަށް، ފުލުހުން ބުންޏެވެ.

ތިން މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ ދެ މައްސަލަ ވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.