ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފަށް މިދިޔަ އަހަރު ވަނީ ދަރިއަކު ލިބިފަ އެވެ. މި ދެމަފިރިން އެމީހުންގެ އަމިއްލަ ދިރިއުޅުމާއި، ހާއްސަކޮށް ދަރިފުޅު ވިހާން ކޯޝަލް މީޑިއާއާ ދުރުގައި ބެހެއްޓި ނަމަވެސް، ދޭތެރެއަކުން އާއިލީ ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރެ އެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކެޓްރީނާ ވަނީ އޭނާގެ ފިރިމީހާ ވިކީއަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އޭނާއަކީ ނަމޫނާ ބަައްޕައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ވޯގް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުނީ ވިކީއަކީ ކެތްތެރި، އަދި އަނެކުންގެ ވާހަކަ އަޑުއަހާ މީހެއް ކަމަށާއި، އޭނާ ފަދަ ގިނައިން ވާހަކަދައްކާ މީހަކަށް ވިކީއަކީ އެންމެ ފުރިހަމަ ބައިވެރިޔާ ކަމަށެވެ. "ވިކީއަކީ ހީވެސް ނުކުރާ ފަދަ ރަނގަޅު ފިރިއެއް. އޭނާގެ އުމުރަށްވުރެ ބުއްދިވެރި، އާއިލީ ގުޅުންތަކަށް އިސްކަންދޭ، ތެދުވެރި މީހެއް. އަހަރެން ބުނާނީ ވިކީއަކީ އަމަލީ ގޮތުން ކަންކަމުގައި ބުއްދިވެރި މީހެކޭ، އަދި އަހަންނަކީ ވިސްނުމުގެ ގޮތުން ބުއްދިވެރި މީހެކޭ. އޭނާގެ އެންމެ ރަނގަޅު އެއް ސިފައަކީ އަހަރެންގެ އަމިއްލަ މިނިވަންކަމަށް ޖާގަދީ، އަހަރެން ދައްކާ ވާހަކަ ކަނުލައި އަޑުއެހުން،" ކެޓްރީނާ ބުންޏެވެ.
މަސައްކަތުގެ ތާވަަލް ކިތަންމެ ބުރަ ނަމަވެސް، ވިކީ އޭނާގެ އަންބަކަށާއި ދަރިފުޅަށް ފުރިހަމައަށް ވަގުތު ދޭކަމަށް ކެޓްރީނާ ފާހަގަކުރި އެވެ. ނަމަވެސް، މަސައްކަތާއި ދަރިފުޅުގެ ކަންކަން ބެލެހެއްޓުމުގައި ދެމީހުން އެކުގައި ހޭދަކުރާ ރޮމޭންޓިކް ރޭގަނޑުގެ ކެއުންތަކާއި ފިލްމު ބަލަންދާ ވަގުތުތައް މިހާރު މަދުވެފައިވާ ކަމަށް އޭނާ އެއްބަސްވި އެވެ.
"ބައްޕައެއްގެ ގޮތުން އޭނާ ފެންނަނީ ވަރަށް ފުރިހަމަކޮށް. ދުވާލަކު 14، 16 ނުވަތަ 18 ގަޑިއިރު މަސައްކަތްކޮށްފައި ވަރުބަލިވެފައި ހުންނައިރުވެސް، އޭނާ ހުންނަނީ ވިހާން އާއި އަހަންނާއެކު ވަރަށް ފުރިހަމައަށް ވަގުތު ހޭދަކުރަން ތައްޔާރަށް. އަހަރެމެންގެ ރޮމޭންޓިކް ކެއުންތަކާއި ފިލްމު ބަލަން ހޭދަކުރާ ވަގުތުތައް މިވަގުތު މަދުވި ނަމަވެސް، ހުރިހާ ކަމެއްވެސް އަލުން ހަމައަކަށް އެޅޭނެ ކަމަށް ވިކީ އަބަދުވެސް ހަނދާންކޮށްދޭ،" ކެޓްރީނާ ބުންޏެވެ.
މަންމައަކަށް ވީފަހުން ކެޓްރީނާ އާންމުކޮށް ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް ދާދި ފަހުން ގަނޭޝް ޗަތުރުތީ ފާހަގަކުރުމުގެ ތެރެއިންނާއި މުމްބާއީގެ އެކި ސަރަހައްދުތަކުން އޭނާ ފެނިފައިވެ އެވެ. ދަރިފުޅު ލިބުމަށްފަހު އޭނާގެ ހަށިގަނޑަށް އައި ބަދަލުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ފާޑުކިޔައި މަލާމާތްކޮށްފަ އެވެ.
ލަންޑަނުގައި ބޭއްވި ހަފުލާއެއްގައި ކެޓްރީނާ ވަނީ މި ފާޑުކިޔުންތަކަށް ރައްދުދީ، ސޯޝަލް މީޑިއާގެ ވާހަކަތަކުން އަމިއްލަ ނަފްސުގެ އަގު ވަޒަންކުރުމަށް އަސަރުކޮށްގެން ނުވާނެ ކަމަށް ބުނެފަ އެވެ. "ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކުން އަހަރެމެންގެ އަމިއްލަ އަގު ވަޒަންކުރުމަށް އަސަރުކުރުވިޔަ ނުދިނުމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ. އެ ހުރިހާ އެންމެން ރުއްސަން އުޅެފިނަމަ، އަމިއްލަ ނިންމުންތައް ނިންމުމަށް ހުރަސްއެޅޭނެ. އަހަރެންގެ މައްޗަށް ކުރެވޭ ކޮންމެ ފާޑުކިޔުމަކަށް ބަލައިގެން އަމަލުކުރާނަމަ، އަހަރެން ހުންނާނީ ބިރުން ހުއްޓުން އަރާފައި، ކުރިއަށް ދާން ނުކެރިފައި،" އޭނާ ބުންޏެވެ.
2021 ވަނަ އަހަރު ކެޓްރީނާ ވިކީއާ ކައިވެނިކުރުމަށްފަހު އެ ދެމަފިރިންނަށް ދަރިއަކު ލިބުނީ 2024 ވަނަ އަހަރު އެވެ. ފިލްމީ ދާއިރާގެ އިތުރުން ކެޓްރީނާ މިހާރު އެންމެ ބޮޑަށް ސަމާލުކަން ދެނީ އޭނާގެ މޭކަޕް ބްރޭންޑް 'ކޭ ބިއުޓީ' ކުރިއެރުވުމަށެވެ. އެ ބްރޭންޑް މިހާރު ވަނީ އިނގިރޭސިވިލާތުގައިވެސް ތައާރަފުކޮށްފަ އެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ 2024 ވަނަ އަހަރު ނުކުތް 'މެރީ ކްރިސްމަސް' އިންނެވެ.
ނޫސްވެރިންނަށް ކުރާ ފުރައްސާރަ ތަހުގީގުކުރަން ހުށަހަޅައިފި
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މާދަމާ މަޖިލީހަށް ހުށަހަޅަނީ